ވިޔަފާރި

އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އިންޑިއާގެ ވިޔަފާރިވެރިންނާއެކު މަޝްވަރާތަކެއް ފަށައިފި


ވިޔަފާރީގެ ގުޅުން ބަދަހިކޮށް ރާއްޖެއަށް އިންވެސްޓްމެންޓްގެ ފުރުސަތުތައް ހޯދުމަށްޓަކައި އިންޑިއާގެ ވިޔަފާރިވެރިންނާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ، ސީއައިއައި އާއި އިކޮނޮމިކް މިނިސްޓްރީއާއެކު ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ބޭރު ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް ހޯދުމުގެ މަޤްސަދުގައި ބާއްވާ ބައްދަލުވުމެކެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރް އާއި ސީ.އައި.އައިގެ ވިޔަފާރިވެރިންގެ ވަފުދާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންގެ އިތުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބައިވެރިވިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓުތައް އިތުރުކޮށް އިޤްތިސާދީގޮތުން ނަފާލިބުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެހެންކަމުން، މި ބައްދަލުވުމުގެ ދަށުން އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިކުރުމަށް ހުޅުވާލާފައިވާ ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭރު އިންވެސްޓްމެންޓުތައް ރާއްޖެއަށް ހުޅުވާލާއިރު ރާއްޖޭގައި އިންވެސްޓްމަންޓާބެހޭ ހަރުދަނާ ޤަވާއިދުތައް ހުންނަން ޖެހޭކަމަށެވެ. އެގޮތުން ފޮރިން އިންވެސްޓްމަންޓާބެހޭ ޤަވާއިދު މުރާޖަޢާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއައިއައިގެ ޑިރެކްޓަރ ޖެނެރަލް އަދި ގްރޫޕް ލީޑަރ ޗަންދްރަޖިތް ބެނަޖީ ވިދާޅުވީ ރާއްޖެއާއި އިންޑިއާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މަޢުލޫމާތު ދިނުމަށް އެގްޒިބިޝަނެއް ބޭއްވުމަކީ މުހިއްމު ކަމެއްކަމަށެވެ. އެގޮތުން މިއެގްޒިބިޝަންތަކުން ރާއްޖެއަށް ވެސް އިންވެސްޓްމެންޓުގެ ފުރުސަތުތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހޯދުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.