ޚަބަރު

އަދީބު މާލެ ގެނެސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފި


ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖެ ގެނެސްފިއެވެ.

އަދީބް މާލެ ގެނައުމަށްފަހު ފުރަތަމަ ހާޒިރުކޮށްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށެވެ. އެއަށްފަހު އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

އަދީބުގެ މައްސަލައަކީ ތަޙްޤީޤު ކުރިއަށްދާ މައްސަލައެއްކަމުންނާއި ސަލާމަތީ ސަބަބުތަކަށްޓަކައި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެެއް ނުވެއެވެ.

އަދީބު ފިއްލައވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ އިންޑިއާގެ ޓްޓިކޮރި ނުވަތަ ސޫތުކުޅި އާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.

ފިއްލަވައިގެން ސޫތުކުޅިއަށް ވަޑައިގަތުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އިންޑިއާއިންވަނީ އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން އޭނާ ޑީޕޯޓްކޮށްލާފައެވެ.