ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި މިހާތަނަށް 458 މިލިއަން ރުފިޔާ


މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 458 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހުގެ ނިޔަލަށް ދައުލަތަށް ވަނީ ގްރީން ޓެކްސްގެ ގޮތުގައި 458 މިލިއަން 8 ލައްކަ އަށްޑިހަ ފަސް ހާސް ސަތޭކަ ފަސް ދޮޅަސް އަށް ރުފިޔާ ލިބިފައެވެ. މިއީ މިއަހަރުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ 892.7 މިލިއަން ރުފިޔާގެ 51.3 އިންސައްތައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ މާލެ ސިޓީ ނުހިމެނޭ ގޮތަށް މާލެ އަތޮޅުންނެވެ. އެގޮތުން ފުރަތަމަ 6 މަސްދުވަހު މާލެ އަތޮޅަށް ގްރީން ޓެކްސްގެ ގޮތުގައި ވަނީ 161 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ 35 އިންސައްތައެވެ.

ގްރީން ޓެކްސްގެ ތަފާސް ހިސާބަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ އޭޕްރީލްމަހުއެވެ. އެއީ 83 މިލިއަން ރުފިޔާއެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބިފައިވަނީ ޖޫންމަހުއެވެ. ޖޫންމަހު ލިބިފައިވަނީ 56 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ނަގާ ޓެކްސްއެކެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން ރިސޯޓް، ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ކަނޑުއުޅަނދުތަކުން ގްރީން ޓެކްސް ނަގައެވެ.