ވިޔަފާރި

ދެވަނަ ކުއާޓަރުގައި ދިރާގަށް 710 މިލިއަން ރުފިޔާގެ އާމްދަނީއެއް


ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި، ދިރާގަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 710 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދިރާގުން އާއްމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި 710 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަަރުގައި އެކުންފުންޏަށް ލިބިފައިވަނީ 708 މިލިއަން ރުފިޔާއެވެ. އެހެންކަމުން ދިރާގަށް ލިބުނު އާމްދަނީ ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 0.3 އިންސައްތަ އިތުރުވެފައެވެ.

ފުރަތަމަ ކުއާޓަރުގައި 710 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި ލިބުނު 238 މިލިއަން ރުފިޔާއަށްވުރެ 28 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދިރާގުން ބުނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ސާފު ފައިދާ ދަށަށް ދިޔައީ ފަތުރުވެރިންނަށް ދޭ ސީޒަނަލް ރޯމިންގެ ވިޔަފާރި ދަށްވުމުގެ ސަބަބުންނާއި، ހިންގުމުގެ ޚަރަދު ބޮޑުވުމުންކަމަށެވެ.