ސްރީ ލަންކާގައި އުޅޭ ދިވެހިންނާއި އެޤައުމަށްދާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސްރީ ލަންކާގައި ހުންނަ ދިވެހި ސަފީރު ޢުމަރު އަބްދުއްރައްޒާގު، އެޤައުމުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މީގެ ކުރިންވެސް، ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފައާޒް ޢަބްދުﷲ ޝާހިދު ވަނީ އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާ މަޝްވަރާކުރައްވާފައެވެ.
ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ޙަމަލާއާ ގުޅިގެން އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު ވިސާގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަކޮށްފައެވެ.
މިގޮތުން ސްރީ ލަންކާގައި އުޅޭ އެހެންޤައުމުތަކުގެ މީހުން ވިސާއަށް އެދޭއިރު އެޤައުމުގެ ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ "ހެލްތު ޕްރޮޓެކްޝަން ޕްލޭން"ގެ ދަށުން ހުށަހަޅަން އަންގަފައިވާ މެޑިކަލް ރިޕޯޓުތައް ހުށައަޅަން އެގައުމުންވަނީ އަންގާފައެވެ. އަދި ސްރީ ލާންކާގައި ދިރިއުޅެން ބޭނުންވާ އެހެން ޤައުމުތަކުގެ ރައްޔިތުން ހައްދަންޖެހޭ "ރެޒިޑެންސް ވިސާ" އެބައެއްގެ އަމިއްލަ ޤައުމުގައި ތިބެގެން ހެއްދުމަށް ސްރީ ލަންކާ ސަރުކާރުން ވަނީ އަންގާފައެވެ.
ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމަށް މަޝްވަރާކޮށްފައިވާއިރު ސަފީރުވަނީ ސްރީ ލަންކާގެ މިނިސްޓަރ ފޯރ ސިޓީ ޕްލޭނިން، ވޯޓާ ސަޕްލައި އެންޑް ހަޔަރ އެޑިއުކޭޝަން ރައޫފް ހަކީމް އާވެސް ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ލަންކާގެ ޔުނިވާސިޓީތަކުގައި ދިވެހިންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތު ތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. ޚާއްސަކޮށް މެޑިސިންގެ ދާއިރާއިން ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތު ތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.