ޚަބަރު

ޙިމާޔަތް ދިނުމަށް ދެކޮޅު ހަދައި އިންޑިއާއިން އަދީބު ޑީޕޯޓު ކޮށްލައިފި


ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން އަދީބު ޑީޕޯޓްކޮށްލައިފިއެވެ.

އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުގައި ވާގޮތުން އަދީބު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށް އަނބުރައި ރާއްޖެއަށް ފޮނުވާލީ އޭނާ އިންޑިއާއަށް ދަތުރުކުރި މަސައްކަތްކުރި ޓަގްބޯޓުގައެވެ. އަދި އޭނާ ޙަވާލުވެގެން އެބޯޓުގައި ކަމާބެހޭ ފަރާތްތަކުންވެސް ރާއްޖެއަށް ދަތުރުކުރާކަމަށް އެނޫހުން ބުނެއެވެ.

އަދީބު ޑީޕޯޓުކޮށްލަން އިންޑިއާއިން ނިންމީ މިއަދުގެ ވަގުތެއްގައިކަމަށްވެސް "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން ބުނެއެވެ.

އަދީބު އިންޑިއާއަށް އެތެރެވަނިކޮށް އެޤައުމުގެ ހަމާބެހޭ ފަރާތްތަކުން އެނާ ހުއްޓުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް މިދިޔަމަހުގެ 27ވަނަ ދުވަހު އަދީބު ރާއްޖެއިން ފިލައިފިކަމަށް ޓައިމްސް އޮފް އިންޑިއާ ދުވަހު ނޫހުން ބުނެއެވެ.

އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލާގައި ދިވެހިރާއްޖޭގެ ފުލުހުން ފިޔަވައި އިތުރު އިދާރާއަކުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިންޑިއާގައި އަދީބު ހިފަހައްޓާފައި ހުރިތާ އެތައް ގަޑިއިރެއް ފަހުން ފުލުހުންގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ ''ފިއްލަވައިގެން ދާން މަސައްކަތްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް'' ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އަދި ޓަގު ބޯޓުގައި 9 މީހުން ރާއްޖެއަށްވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ 8 ރައްޔިތުންނެވެ.

މި ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ ސޫތުކުޅިއާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

މި މަޢުލޫމާތުތަކަށް ބަލާއިރު، އަދީބް ފިލާފައިވަނީ މީގެ 5 ދުވަސް ކުރިން، މި މަހުގެ 27ވަނަ ދުވަހުކަން އެނގެއެވެ. ނަމަވެސް އަދީބް ފިލިކަން ދިވެހިންނަށް އެނގުނީ އިންޑިއާގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނުމުންނެވެ.

ފިލައިން ދިއުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އަދީބަށް ޤާނޫނީ ލަފާ ދެމުންދާ "ގެއަނިކާ 37 އިންޓަނޭޝަނަލް ޖަސްޓިސް ޗެންބާސް"އިން ބުނީ މިމައްސަލާގައި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއާއި އދ.ގެ ރެފިއުޖީންނާބެހޭ އިދާރާއާ މަޝްވަރާކުރަމުންދާކަމަށެވެ.

ކިޔާލުމަށް

އަދީބް ފިލައިގެން ދަތުރު ކުރީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރާއްޖޭގެ ސުޕްރީމްކޯޓުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައި އޮއްވައެވެ. ސުޕްރީމްކޯޓުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، އަދީބުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ޙުކުމެއް ހައިކޯޓުން ބާތިލްކުރުމުން، އެމައްސަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމާއެކުއެވެ.

ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުލަތުން އިސްތިއުނާފްކުރި މައްސަލަ އެކޯޓުން ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ގޮތެއް ކަނޑައަޅަންދެން، އަޙްމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާކަމަށެވެ.

އަދީބަކީ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކުރިއަށްދާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތުގައި ހެކިބަސްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެތެރެއިން ހެއްކެކެވެ.