ޚަބަރު

ނާއިބް ރައީސް، ކުޅުދުއްފުށީ ކައުންސިލާއި އެރަށުގެ އޮޑިވެރިންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހދ. ކުޅުދުއްފުށީ ރަށު ކައުންސިލަރުންނާއި، އެރަށުގެ އޮޑިވެރިންނާ ބައްދަލުކުރައްވައި ދިމާވާ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

ނާއިބް ރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީ ރަށު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ނާއިބް ރައީސާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ސްކޫލްތަކުގެ ޖާގައިގެ ދަތިކަމާއި، ބަނދަރު ތަރައްޤީ ކުރުމުގައި ހުރި އޮޑިވެރިންގެ ކަންބޮޑުވުންތަކާއި، ކުނިކޮށީގެ މައްސަލައިގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ އޮޑިވެރިން ވަނީ ބަނދަރު ތަރައްޤީކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢަކީ ބަނދަރުގެ ބޭނުން އެންމެ ގިނައިން ކުރަންޖެހޭ މީހުންކަމުގައިވާ އޮޑިދޯނި ފަހަރު ގެންގުޅޭ އޮޑިވެރިން އެންމެ ބޭނުންވާގޮތަށް ރޭވިފައިވާ މަޝްރޫޢެއް ނޫން ކަން ފާހަގަކުރައްވާފައެވެ. އަދި، މިކަމުގައި ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އޮޑިވެރިން ވަނީ ނާއިބް ރައީސްގެ އަރިހުން އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރިޔަށްގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލަރުންނާއި އޮޑިވެރިން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމަށްފަހު ނާއިބު ރައީސް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާ، ހޮސްޕިޓަލުގައި އެވަގުތު ތިބި ބަލިމީހުންނާއި ބައްދަލު ކުރައްވައި އެމީހުންގެ ޙާލުއަހުވާލު ބައްލަވާލައްވާފައެވެ.