ދިވެހި ސަރުކާރާއި ސީޝެލްސްގެ ސަރުކާރާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
އެކި ދާއިރާތަކުން ގުޅުންބަދަހި ކުރުމަށް ވެވުނު މިއެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ޚާރިޖީ ދާއިރާއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެކެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ދެޤައުމުންވަނީ ރަސްމީ މަޝްވަރާތައްވެސް ބާއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު ސީޝެލްސްއަށް ވަޑައިގެންނެވުމުން އެޤައުމުގެ ސަރުކާރުން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައި މިއަދު ހެނދުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްގެ ރައީސްގެ އޮފީހަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، ސީޝެލްސްގެ ރައީސް ޑެނީ ފޯރއެވެ. މިރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމަށް ތައްޔާރުކޮށްފައިވާ ސްޓޭޖަށް ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް އަރާވަޑައިގެންނެވުމުން ދިވެހިރާއްޖެއާއި ސީޝެލްސްގެ ޤައުމީ ސަލާން ވަނީ ކުޅެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.