ސިވިލްސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ސަރުކާރުން ވީ ވައުދު ނުފުއްދޭނެކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ފަޑު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީން ކާނިވާ ސަރައްދުގައި، "ކޮބާ ނުވިއެއްނުން" މި ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން އުޅެނީ މި މަހުވެސް މުސާރަ ދެވޭނެ ގޮތެއް ނެތިގެން ކަމަށެވެ. އަދި މި ސަރުކާރަށް މިހާތަނަށްވެސް ރައްޔިތުންގެ ފައިދާއަށް ކަމެއް ކުރެވިފައިނުވާކަމަށާ އަދި ނުވެސް ވާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ކައިރި ކައިރީގައި އޮންނަ ބައެއް ރަށްތައް ކޯޒްވޭއަކުން ގުޅާލުމަށް ސަރުކާރުން މަސައްކަތްކުރި ނަމަވެސް ކޮންމެ ދެ ރަށެއް ކޯޒް ވޭއަކުން ގުޅާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުން ކޮންމެ ކަމެއް ގުޅުވަނީ އެޖެންޑާ 19 އާ ކަމަށާއި މި ސިޔާސަތަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. އަދި މިނިވަން މުވައްސަސާތަކާއި ކޯޓުތައް މި ސަރުކާރުން ސިޔާސީ ކޮށްފައިވާ ކަމަށްވެސް ރައިސް ޔާމީން ވިދާޅުވިއެވެ.
"ބޭރުގެ އެހީ އޮހޭއިރުވެސް ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް. ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަނީ ދަށަށް،" ޔާމިން ވިދާޅުވި އެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ
ލީޑަރޝިޕްގެ މެންބަރުން ވާހަކަދައްކާފައިވާއިރު، ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.