ޚަބަރު

ފުރާނައަށް ނުރައްކާވެފައިވާކަމަށް ބުނެ، އިންޑިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް އަދީބް އެދިއްޖެ


އިންޑިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ދިވެހިރާއްޖެއިން ފިލައިގެން ގޮސްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް އެދިއްޖެއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އަދީބަށް ޤާނޫނީ ލަފާ ދެމުންދާ ގެއަނިކާ 37 އިންޓަނޭޝަނަލް ޖަސްޓިސް ޗެންބާސުން ބުނީ މި މައްސަލާގައި އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއާއި އދގެ ރެފިއުޖީންނާއި ބެހޭ އިދާރާއާ މަޝްވަރާކުރަމުންދާކަމަށެވެ.

ފާއިތުވި މަސް ދުވަސްތަކުގައި އަދީބްގެ މައްޗަށް ކޮށްފައިވާ ސިޔާސީ ޙުކުމްތައް ބާތިލުކޮށް، އޭނާ މިނިވަންކޮށްފައިވާކަން ފާހަގަކޮށް، އިންޓަނޭޝަނަލް ޖަސްޓިސް ޗެންބާސުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަނެއްކާވެސް އަދީބްގެ މައްޗަށް ސިޔާސީ ދައުވާތަކެއް ކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިދިޔަ މަހު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމަށް އަދީބަށް ފުރުޞަތު ލިބުނީ އެއްބަސްވުމެއްގައި ސޮއިކޮށްގެންކަމަށާއި ރާއްޖޭގެ ފުލުހުން މަސައްކަތް ކުރަނީ އަދީބް ލައްވާ އެއްބަސްވުންތަކުގައި ސޮއިކުރުވާ އޭނާގެ މައްޗަށް ސިޔާސީ ދައުވާތަކެއް ކުރުމަށް މަގުފަހި ކުރުމަށްކަމަށްވެސް އަދީބްގެ ބައިނަލްއަޤްވާމީ ވަކީލުން ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އަދީބް ރާއްޖޭގައި ހުރީ އެއްވެސް މިނިވަންކަމެއް ނެތިކަމަށާއި ސިޔާސީ ނުފޫޒު ފޯރާފައިވާ ޝަރުއީ ނިޒާމެއްގެ ޝިކާރައަށް އޭނާވެފައިވާކަމަށެވެ. އެހެންކަމުން، އިންޑިއާގެ ހިމާޔަތަށް އެދުނީ އޭނާއާއި އޭނާގެ އާއިލާގެ ފުރާނައަށް ނުރައްކާވުމުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިންޑިއާގެ ހިމާޔަތަށް އެދިފައިވާ ދަނޑިވަޅެއްގައި، އެކަމަށް ރިޢާޔަތްނުކޮށް، އެ ޤައުމުގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އަދީބް ރާއްޖެއަށް އަނބުރާ ނުފޮނުވޭނެކަމަށްވެސް ގެއަނިކާ 37 އިންޓަނޭޝަނަލް ޖަސްޓިސް ޗެންބާސުންވަނީ ބުނެފައެވެ. އަދި އިންޑިއާއާއި ރާއްޖެއާއި ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް އަދީބް އެދިފައިވާ ގޮތަށް ސިޔާސީ ހިމާޔަތް ދިނުމަށް އެދޭކަމަށް އެނާގެ ޤާނޫނީ ޓީމުންވަނީ ބުނެފައެވެ.

އަދި މި މައްސަލަ ގާތުން ބެލުމަށް އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއާއި އދގެ ރެފިއުޖީންނާއި ބެހޭ އިދާރާއަށް ގޮވާލާ، ޤާނޫނުތަކުގައިވާ ގޮތަށް އަމަލުކޮށް، އިންޑިއާއިން ސިޔާސީ ހިމާޔަތް ދޭނެކަން ކަށަވަރުކޮށް ދިނުމަށްވެސް އަދީބްގެ ޤާނޫނީ ވަކީލުންވަނީ ގޮވާލާފައެވެ.

އިންޑިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް އަދީބް އެދިފައިވަނީ ޓަގު ބޯޓެއްގައި ރާއްޖެއިން ފިލުމަށްފަހު، އިންޑިއާގެ ސޫތުކުޅިއަށް ޤަވައިދާ ޚިލާފަށް އެތެރެވެފައިވަނިކޮށް، އިންޑިއާގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނިކޮށެވެ. މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް، ދިވެހި ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަދީބް އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އޭނާ ފިލީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ބަޔާން ނެގުމަށް މިދިޔަ ބުދަ ދުވަހުގެ މެންދުރު 2ޖަހާއިރު ފުލުހުންގެ މަރުކަޒަށް ހާޒިރުވާށް އަންގާފައިވަނިކޮށްކަމަށެވެ.