ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް އިންޑިއާއަށް އެތެރެވާން މަސައްކަތްކޮށްފައިވަނީ އެއްވެސް ހުައްދައެއް ނެތި ޤަވައިދާ ޚިލާފަށްކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ ޤައުމަށް އެތެރެވެވޭނެ ގިނަ ދޮރާށިތަކެއް ހުންނާނެކަމަށާއި އެ ޤައުމަށް އެތެރެވެވޭނީ ހުއްދަ ލިބިގެންކަމަށެވެ. ނަމަވެސް، އަދީބް އިންޑިއާއަށް އެތެރެވާން މަސައްކަތްކުރީ ހުއްދަނެތި ޤަވައިދާ ޚިލާފަށްކަމަށާއި އޭނާ އެތެރެވާން މަސައްކަތްކުރި ސޫތުކުޅިއަކީ ބިދޭސީން އެ ޤައުމަށް އެތެރެވުމުގެ ހުއްދަ ދީފައިވާ ބަނދަރެއް ނޫންކަމަށްވެސް އިންޑިއާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ވުޒާރާއިން ބުނީ އިންޑިއާއަށް އެތެރެވުމުގެ އެއްވެސް ހުއްދައެއް އަދީބަށް ދީފައިނުވާނެކަމަށާއި އޭނާގެ އަތުގައި އެއްވެސް ލިޔެކިއުމެއް ނެތްކަމަށެވެ. އޭނާ މިހާރު ހުރީ މަޢުލޫމާތު ސާފުކުރުމަށް އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބް ހިފަހައްޓާފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫ ސްޓޭޓުގެ ސޫތުކުޅިންނެވެ. އޭނާ ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިއްޔެ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށެވެ. އަދި ފިލައިގެން ކަނޑުމަގުން ރާއްޖެ ދޫކޮށް އަދީބް ގޮސްފައިވަނީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ފިލައިގެން ދިޔަކަން އެނގުނީ އިންޑިއާގެ ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ.
މިހާތަނަށް ފުލުހުން ފިޔަވާ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދީބް ފިލައިގެން ދިޔަ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެކުވެރި ޤައުމުތަކާއި ގުޅިގެން އަދީބް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަދީބް ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި މީހުންގެ މައްސަލަ ތަޙްޤީޤްކޮށް އެ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް ފުލުހުންވަނީ ދެއްވާފައެވެ.