ޚަބަރު

ބޭނުންވާ މިންވަރަށް ނިއުޓްރިޝަންގެ ޙާލަތު ރަނގަޅު ވަމުން ނުދޭ - މިނިސްޓަރ އަމީން

ރާއްޖެއަށް އަންނަ ހަލުވި ކުރިއެރުމާ އަޅާބަލާއިރު ނިއުޓިޝަން ޙާލަތު އެންމެ އެކަށީގެންވާ ބާރުމިނުގައި ރަނގަޅުވަމުން ނުދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެޖެ. ތުއްތުކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން މިއަދުވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރަ އަބްދުﷲ އަމީންވަނީ "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" އިފްތިތާޙްކޮށްދެއްވާފައެވެ. މިސްޓްރެޓަޖީއަކީ ދަރިފުޅު މަންމަގެ ބަނޑުގައި ގަރުބަގަތީއްސުރެ އެދަރިފުޅުގެ އުމުރުން 1000 ދުވަސް ވަންދެން ޖިސްމާނީ ގޮތުންޏާއި ނަފްސާނީގޮތުން އެންމެ ރަނގަޅަށް ހެދުބޮޑުވާ ކުއްޖަކަށް އެކުއްޖާ ހެދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މިސްޓްރެޓެޖީގެ މަޤްސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކުރުން ހިމެނެއެވެ.

މިސްޓްރެޓަޖީ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް އަންނަ ކުރިއެރުންތަކާ އަޅާބަލާއިރު ނިއުޓްރިޝަންގެ ޙާލަތު އެކަށީގެންވާ ބާރުމިނުގައި ރަނގަޅުވަމުން ނުދާކަމަށެވެ.

ގައިންގަޔަށް ނާރާ އެކިކަހަލަ ބަލިތައް އިތުރުވަމުންދާއިރު، މިފަދަ ކަންކަމުން ދުރުހެލިވުމަށް ތުއްތުކުދިން ހެދިބޮޑުވާ ފުރަތަމަ މަރްޙަލާގައި ފަރުވާބަހައްޓަންޖެހޭ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އެގޮތުން ދަރިފުޅަށް ހަ މަސް ވަންދެން ގާތުން ކިރު ދިނުމާއި ސިއްޙަތަށް ނުރަނގަޅު ކާނާއާ ކުދިން ގާތް ނުކުރުމާއި ދިރިއުޅުމުގެ ރަނގަޅު އާދަތައް ކުދިންނަށް ދަސްކޮށްދިނުން މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

2016އިން 2017އަށް ކުރިއަށްގެންދިޔަ ޑިމޮގްރަފިކް ސަރވޭ ދައްކާގޮތުން ރާއްޖޭގައި 97% ކުދިންނަކީ މައިމީހާގެ ގާތުން ކިރުދޭ ކުދިންނަށް ވީނަމަވެސް ހަމަސް ވަންދެން ހަމައެކަނި ގާތުންދެނީ 64% ކުދިންނަށް ކަމަށެވެ. ހަ މަސް ނުވާ ތުއްތު ކުދިންގެ ނިއުޓްރިޝަން ލެވެލް ރަނގަޅަށް ބެހެއްޓުމަށް އެންމެ ރަނގަނީ މައިމީހާގެ ގާތުން ކިރު ދިނުމެވެ.

" 5އަހަރުން ދަށުގެ ކުދިންގެ ތެރެއިން 15 އިންސައްތަ ކުދިންނަކީ އުމުރަށްވުރެ ބަރުދަން ލުއި އަދި އުމުރާއި އެއްވަރަށް އިސްކޮޅު ނުހުންނަ ކުދިން. 9% ކުދިންނަކީ ބަރުދަނާއި އެއްވަރަށް އިސްކޮޅު ފުރިހަމަ ނުވާކުދިން." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ ކުއްޖާ ބޮޑުވެގެން އަންނައިރު ދިމާވާ އެކި އެކި ސިއްޙީ މައްސަލަތައް ކުޑަކުރުމަށް ޢުމުރުގެ ފުރަތަމަ 2އަހަރު ބޮޑު ދައުރެއް އަދާކުރާކަމަށެވެ. އޭނާ ވިދާޅުވީ މިސްޓްރެޓެޖީ ތައްޔާރުކުރުމަށް ތަފާސްހިސާބުތަކާއި މާހިރުންގެ ލަފަޔާއި، ކުދިންގެ ކެއިން ބުއިމުގެ ކަންކަން ހުންނަ ގޮތުގެ ދިރާސާތައް ކޮށްފައިވާކަމަށެވެ.

"ސްޓްރެޓެޖީގެ މަސައްކަތްތަކުގެ އަޖުމަ ބެލުމަށް މިހާރު މިދަނީ 4 އަތޮޅެއްގެ 12 ރަށުގައި މަސައްކަތް ކުރިއަށްގެންދަމުން." މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.

މި ހަފްލާގައިވަނީ މައިންނާއި ކުޑަދަރިފުޅުގެ ކާނާގެ މަޢުލޫމާތުގެ މައްޗަށް، "ޔާގޫތް"ގެ ނަމުގައި ހަދާފައިވާ މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗްކޮށްފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކުދިންނަށް ފައިދާހުރި ކާނާ ދިނުމުގެ މުހިންމުކަމާއި ކާމިޔާބުކަމާއިއެކު ގާތުން ކިރުދޭނެ ގޮތާއި، އޮއްޓަރު ހުރި ކާނާ ކާންދޭން ފަށާނެގޮތާއި ރެސިޕީތައްވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވަނީ "ފޭސަސް އޮފް ފަރސްޓް 1000 ޑޭސް"އަށް ހޮވާފައިވާ 11 ފަރާތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މި ފަރާތްތަކަކީ ނިއުޓްރިޝަންގެ ޙާލަތު ރަނަގަޅުކުރުމަށް މަސައްކަތް ކުރުމައި ތުއްތުކުދިންގެ ސިއްޙީ މައްސަލަތައް ކުޑަކުރުމަށް ބާރު އެޅުމަށް އަޑުއުފުލުމަށް މަސައްކަތް ކުރާ ފަރާތްތަކެކެވެ.