ވިޔަފާރި

ވޯލްޑް ސްޕާ އެވޯޑަށް މިއަހަރުވެސް ރާއްޖެއިން ވާދަކުރަނީ


ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެވޯޑެއް ކަމަށްވާ 'ވޯލްޑް ސްޕާ އެވޯޑްސް' އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

މި އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައިވަނީ 'އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން' ކެޓަގަރީންނެވެ. ރާއްޖެއިން ވަނީ މި އެވޯޑް ދޭން ފެށިފަހުން ކޮންމެ އަހަރެއްގައިވެސް މި އެވޯޑް ކާމިޔާބުކޮށްފައެވެ.

މި އެވޯޑަށް ރާއްޖެއާ ވާދަކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި މި ސަރަޙައްދުގައި ރާއްޖެއާއި އެންމެ ވާދަވެރި ދެ ޤައުމުކަމުގައިވާ މޮރިޝަސް އަދި ސީޝެލްސްއެވެ.

ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާއިރު މިއަހަރުގެ އެވޯޑު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހު ދުބާއީގެ ބުރުޖް ޙަލީފާގައެވެ.

ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ 'ވޯލްޑް ޓްރެވަލް އެވޯޑްސް' އިންތިޒާމް ކުރާ ފަރާތުން ބާއްވާ އެވޯޑެކެވެ.

މި އިވެންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ސްޕާ އަދި ވެލްނަސްގެ ދާއިރާ ކުރިއެރުވުމަށް މުޙިއްމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެކެވެ.