ވިޔަފާރި

މިދިޔަ 3 މަހު އެމްޓީސީސީން 33 މަޝްރޫޢެއް ކުރިއަށްގެންގޮސްފި


މިއަހަރުގެ ދެވަނަ ކުއަރޓަރގެ ތެރޭގައި އެމްޓީސީސީން 33 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުއަރޓަރުގައި ވަނީ ދެ މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައެވެ. އަދި އަލަށް 4 މަޝްރޫޢެއްގެ މަަސައްކަތް އެކުއަރޓަރގައި ފަށާފައިވާއިރު، 13 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާ އެކުއަރޓަރގައި ވަނީ ޙަވާލުކޮށްފައެވެ.

ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ހަތަރު މަޝްރޫއެއްގެ މަސައްކަތް އަދި ޙާއްސަ އެއް މަޝްރޫއެއްގެ މަސައްކަތް އަހަރުގެ ދެވަނަ ތިންމަސް ދުވަސްތެރޭ ކުރިއަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢުތަކަށް ބަލާލާއިރު، ކ.ހުރާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ވަނީ ނިމިފައެވެ. އަދި ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކ.ތިލަފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައިއެވެ. އަދި ހއ. ހޯރަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 73 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

އަދި މީގެ އިތުރުން ދެވަނަ ކުއާޓަރގައި ކުރިއަށް ގެންދިޔަ ޙާއްސަ މަޝްރޫޢު، އެމްޓީސީސީ ސޯމިލް ރިލޮކޭޓު ކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ވަނީ ނިމިފައިވާކަމަށް އެމްޓީސީސީގެ ކުއާޓަލީ ރިޕޯޓުގައިވެއެވެ.