ޚަބަރު

ރައީސް ޔާމީން ދިފާޢީ ހެކި ހުށައަޅުއްވައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވެވަޑައިގަތުމަށް ކްރިމިނަލް ކޯޓަށް ދިފާޢީ ހެކި ހުށައަޅުއްވައިފިއެވެ.

ދިފާއީ ހެކި ހުށައެޅުއްވުމަށް ރައީސް ޔާމިނަށް ކޯޓުން ދިން ފުރުސަތާއެކު ހެކި ލިޔުމުން ހެކި ހުށައެޅުއްވިކަން އެމަނިކުފާނުގެ ދިފާއީ ވަކީލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް އޭގެތަފްސީލެއް އެބޭފުޅުނއ ނުދެއްވައެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ހައިލަމް ބައްލަވާ، މިމައްސަލައާ ގުޅިގެން ރައީސް ޔާމިން ވަނީ ދެމައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ޤާނޫނީ ވަކީލުގެ މައްސަލައަކާއި އެންމެ ގާޒީއަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވުމެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެކޯޓުން ކުރި އެ އަމުރު ހައިކޯޓުން ވަނީ ފަހުން ބާޠިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. މިމައްސަލަތައް ޕީޖީންވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހުވެސް ވަނީ ބާއްވާފައެވެ.

ޔާމިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅުއްވި ހެކިންގެ ހެކިބަސް ނެގުން އޮންނާނީ އޯގަސްޓް މަހުގެ މަހުގެ 4ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައެވެ. ދައުލަތުން ހުށައެޅި ހެކިންގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެކޮމިޝަނުގެ މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ.