އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް 2019 (އައިސީއައިއޭ)ގެ ގޯލްޑް ސްޕޮންސަރ އަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.
މިއަދު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސަރޝިޕް އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ އައިޝަތު ޚަލީލާ ޢަބްދުލް ސައްތާރެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީ ޢަބްދުލް ފައްތާޙެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޑީން އޮފް ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކްކޭޝަން އަދި ކޮންފަރެންސްގެ ޗެއަރ ޕަރސަން ޑރ. ދީބާ މޫސާ ވިދާޅުވީ މި ކޮންފަރެންސަކީ ވަރަށް މުހިންމު އަދި ހޭލުންތެރިކަން އިތުރުވެގެންދާނެ ކޮންފަރެންސްއެއްކަމަށެވެ. އަދި މިފަދަ ބޮޑު އަދި މުހިންމު ކަމަކަށް އެސްޓީއޯއިން އެއްބާރުލުން ދިނުމަކީ ފާހަގަކުރާ ކަމެއް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ކޮންފަރެންސަކީ މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ތަފާތު ކޮންފެރެންސަކަށް ވާނެކަމަށްވެސް ދީބާ ވިދާޅުވިއެވެ.
އައިސީއައިއޭ އަކީ އިސްލާމީ ޔުނިވަރސިޓީން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސެކެވެ. މިއަހަރަކީ މި ކޮންފަރެންސް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މި ކޮންފަރެންސްގައި އެކި ޤައުމުތަކުން ތިރީހަ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ. ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 31ން ސެޕްޓެމްބަރ މަހުގެ 1ވަނަ ދުވަހަށް އިސްލާމީ ޔުނިވަރސިޓީގައެވެ.