ސިއްހަތު

ސިއްޚީ ނިޒާމު މިއަދު މިސްރާބް ޖަހާފައިވަނީ ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމެއް އަލުން ނަގާ ކޮޅަށްޖެހުމަށް - މިނިސްޓަރ އަމީން


ރާއްޖޭގެ ސިއްޚީ ނިޒާމު މިއަދު މިސްރާބް ޖަހާފައިވަނީ ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމެއް އަލުން ނަގާ ކޮޅަށްޖެހުމަށް ކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރޭ މުނާސަބަތާއި ގުޅިގެން މިރޭ އޭދަފުށީގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީގެ ބޮޑުބައެއް ހިއްސާކުރަނީ ރާއްޖޭގެ ޕަބްލިކް ހެލްތު ވޯކަރުންކަމަށެވެ. މެލޭރިޔާ އާއި ފައިލޭރިޔާއާއި މީސްލްސް ރާއްޖެއިން ނައްތާލި ވަރުގަދަ ނިޒާމް ކޮޅަށްޖަހުމަށް މި ފަށާފެށުމަކީ ސިއްޙީ ދާއިރާއަށް ގެނުވޭނެ ބޮޑު ބަދަލެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއަދު ސިއްޙީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީގެ އަސްލަކީވެސް ހަމަ މިބޭފުޅުންކަމަށާއި، ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކާއި، މެނިފެސްޓޯގެ އަސާސް ބިނާވެފައިވަނީ މިފަދަ މަސައްކަތްތަކުގެ މައްޗަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިސްރާބު މިހިފަނީހަދާނުގެ ކަނަކަށް ސޮއްސާލައިފައިވާ ސިއްޚީ ނިޒާމުގެ މައިތަބު އަލުންނަގާ ކޮޅަށް ޖެހުމަށް، އާދެ ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމް އަލުން ނަގާ ކޮޅަށްޖެހުމަށް. މެލޭރިޔާ އާއި ފައިލޭރިޔާ، މީސްލްސް ރާއްޖެއިން ނައްތާލި ވަރުގަދަ ނިޒާމް ކޮޅަށްޖަހަށް. އެކަހެރި ނަލަނަލަ ރަށްތަކެއްގެމައްޗަށް ތަރުތީބުކުރެވިފައިފައިވާ މިކުޑަކުޑަ ގައުމު ބައިނަލް އަގުވާ މިންގަނޑުތަކަށްބަލާއިރު ހޯދިފައިވާ ކާމިޔާބީ ހަގީ ކާމިޔާބީގެ ގޮތުގައި އިހްސާސްކުރެވޭނީ، ގައިންގަޔަށް ނާރާބަލިތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ނަތީޖާފެންނަށް ފެށުމުން." މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ސިއްހީ ސިޔާތުގައި މިއަހަރަށް ކަނޑައެޅުއްވި ލަނޑުދަނޑިތަކުގެ އެއްއަމާޒަކީ ދިވެހިރައްޔިތުން ޚިދުމަތްހޯދުމަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުން ކަމަށްވެސް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. އަދި މާލެއިން ސިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ މައުލޫމާތުތައް ދިރާސާކުރެވި، ޚިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، ޚިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ޚިދުމަތްތައް ސަރަހައްދުތަކުގައި ގާއިމްކުރުމަށް ކަމަށާއި، މިއީ ހަގީގީމާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ލިބުންކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާގެ ސިއްޙީ ސިޔާތުގައި މިއަހަރަށް ކަނޑައެޅިގައި ލަނޑުދަނޑިތަކުގެ އެއްއަމާޒަކީ ދިވެހިރައްޔިތުން ޚިދުމަތްހޯދުމަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު، އަތޮޅުތެރޭގެ ރައްޔިތުން ޚިދުމަތް ހޯދުމަށް މާލެ ދާންޖެހޭ މިންވަރު 50 އިންސައްތަ ދައްކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެންވަރުމަތިކުރުމުގެ ޚާއްސަ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދުގައި ސިޓީ ސްކޭންގެ ޚިދުމަތް ޤާއިމްކުރެވިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާގޮންޖެހުންތަކާއި އެކުގައިވެސް ކާމިޔާބީއާއި ހަމަޔަށް ވާސިލް ވެވޭނެކަން ބ.އަތޮޅުގެ ހޮސްޕިޓަލަށް ބަލައިލުމުން ޔަގީންވާކަން ފާހަގަކުރައްވާފައެވެ. އަދި ގޮންޖެހުންތަކަކީ ވަރުބަލިކަމެއްނެތި އެކަންކަކަމާއި ކުރިމަތިލައި ކާމިޔާބީ ހޯދުންކަމަށާއި، ސަރުކާރުން އެކަންކަން ހާސިލް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.