ޚަބަރު

ހައްޖަށް ދާން ޕެންޝަން ފަންޑުން %80 ނެގޭތަށް ޤާނޫނަށް ގެނައި އިސްލާހު ކޮމިޓީން ފާސްކޮށްފި


ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށްޓަކައި މިހާރު ދޫކުރަމުންދާ 50 ޕަސެންޓް 80 ޕަސެންޓަށް ބޮޑުކޮށް ޕެންޝަން ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވ.

ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާޙް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އަދި އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު އަހުމަދު އީސާ ވިދާޅުވީ، މި އިސްލާޙާއި ގުޅޭގޮތުން ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި ޕެންޝަން އޮފީހުގެ ފަރާތުން ޤާނޫނުގައި މިހާރުހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރައްވާފައިވާކަމަށާއި، މިއީ ޕެންޝަން ޤާނޫނަށް ބަދަލު ގެންނައިރު ކޮމިޓީގެ މެމްބަރުންނަށް ލިބިފައިވާ ވަރަށް މުހިންމު މައުލޫމާތުތަކެއްކަމަށެވެ. އޭނާ ވިދާޅުވީ ހައްޖަށް ދިއުމަށް ޕެންޝަންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޚް މަޖިލީހުން ފާސްވުމުން ގިނަ ބަޔަކަށް މިކަމުގެ ލުއިފަސޭކަން ލިބިގެންދާނެކަމަށެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭގޮތަށް ޕެންޝަނާއިބެހޭ ޤާނޫނަށް އިސްލާޚް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމު ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.