ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލާފައެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލެއްވީ އެފުރުޞަތު އަލުން ހުޅުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމާ ގުޅިގެންކަމަށެވެ.
އެހެންކަމުން 6 އޮގަސްޓު ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައިސް އޮފީހުން ވިދާޅުވިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހު ދުވަހުއެވެ. އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުޙާދު އިސްތިއުފާ ދެއްވާފައިވާތީއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލާފައިވަނީ ނިމިދިޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ދުވަސްވަރުއެވެ. އެންއައިސީގެ މެމްބަރު ކަމަށް އަލުންހުޅުވާލަން މިހާރު މިހިނގާ ރައްޔިތުންގެ މަޖިލީހުން ރައީސަށް ލާފާ އެރުވީ އޭރު އެމަގާމަށް ކުރިމަތިލާނީ މަޖިލިސް އޭރުއޮތް ގޮތުގެ މައްޗަށް ބަލާފައި ކަމަށް ޤަބޫލުކުރެވޭތީކަމަށް ފާހަގަކޮށްފައިވެއެވެ. އަދި 19ވަނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަންޖެހޭނީ އާ ނަންތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް ވިދާޅުވެފައިވެއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ އަޙްމަދު ސުލައިމާނާއި ޙައްސާން ޙަމީދާއި ޚަދީޖާ ޢަބްދުﷲއާއި އަޙްމަދު އަމީންނެވެ.