ޚަބަރު

އައިއޯއައިޖީގައި ބައިވެރިވި ދިވެހި ޓީމުތަކާއި ކުޅުންތެރިންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ


އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ރީތި ނަމާއި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދިވެހި ޓީމުތަކާއި ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ފާލަން ސަރަހައްދުގައި މިއަދު ހަވީރު ބޭއްވެވި މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ދިވެހި ކުޅުންތެރިންނަށް މަރުހަބާ ދެންނެވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމާއި، ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ބައިވެރިވި ކުޅުންތެރިން މާލެ ފޭބުމާއެކު ޤައުމީ ދިފާޢީ ބާރުން ވަނީ ސަޤާފީ ވެދުމެއް އަރުވާފައެވެ.

މެޑަލިސްޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ކުރީގެ ރައީސުން ސަލާމްކުރެއްވިއިރު، ދިވެހި ކޮންޓިންޖެންޓުގެ ކުރީގައި ތިބީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ދިދަ އުފުލި އަހުމަދު ޒަބީރާއި އައިއޯއައިޖީގައި ރަން މެޑަލް ހޯދި ޓޭބަލް ޓެނިސް ދެ ކުޅުންތެރިން ކަމުގައިވާ ފާތިމަތު ދީމާ ޢަލީ އާއި ޢާއިޝަތު ރަފާ ނާޒިމާއި، ބެޑްމިންޓަނުގެ ރާއްޖޭގެ ފުރަތަމަ ރަން މެޑެލާއެކު ތާރީޚުގެތެރެއަށް ވަދެގެންދިޔަ އާމިނަތު ނަބީހާއެވެ.

މި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ އައި.އޯ.އައި.ޖީ ގެ ބިޑް ރާއްޖެއަށް ކާމިޔާބުކުރެވިފައިވާތީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވަނީ ގޭމްސްގެ ދިދަ ރައީސުލްޖުމްހޫރިއްޔާގެ އައްޕުޅަށް އަރުވާފައެވެ.
މިރަސްމިއްޔާތުގައި ކުޅިވަރު އާއިލާގެ ފަރާތްތަކާއި، ގިނަ ޢަދަދެއްގެ ޢާންމުރައްޔިތުން ވަނީ ދިވެހި ކުޅުންތެރި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.