ޚަބަރު

"އެއްބައިވަންތަކަމުގެ އަތުގުޅާލުން" ބޮޑު ޙަރަކާތް މާދަމާ ހަވީރު


ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަހާ ގުޅިގެން ބާއްވާ "އެއްބައިވަންތަކަމުގެ އަތުގުޅާލުން" ޙަރަކާތް މާދަމާ ހަވީރު މާލެއާއި އަތޮޅުތަކުގައިވެސް އޮންނާނެކަމަށް ހޯމްމިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓްރިއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެއްބައިވަންތަކަމުގެ އަތުގުޅާލުން ހަރަކާތަކީ ދިވެހިންނާއި، ރައްޖޭގައި އުޅޭ އެހެން ޤައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްތަނަކުން ބައްދަލުވެ އެކަކު އަނެއްކަކުގެމެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން އާލާކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ޙަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45ގައި މަލޭގެ ރިންގް ރޯޑުގައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި ހަރަކާތް ކުރިއަށްދާނީ ކައުންސިލުން ނިންމާ ތަނެއްގައެވެ. އެއްބައިވަންތަކަމުގެ އަތުގުޅާލުން ހަރަކާތުގެ ތެރެއިން މާލޭގައި ބާއްވާ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވާނެއެވެ. އަދި މިޙަރަކާތުގައި ވީހާވެސް ގިނަ ޢާއްމު ރައްޔިތުން ބައިވެރިވުމަށް ހޯމް މިނިސްޓްރިއިން އެދެއެވެ. އަތުގުލާލުމުގެ ހަރަކާތުގައި ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭވެނެއެވެ.

މާލޭގައި ކުރިއަށްގެންދާ ޙަރަކާތުގައި މާލެ ވަށައި އަތުގުޅާލުމުގެ ހަރަކާތް އެއްވަގުތެއްގައު ކުރިއަށްދާނެއެވެ. މާލެ ވަށައި ހަރަކާތް ކުރިއަށްގެންދިއުމަށް 5500 މީހުން އަތުގުޅާލަން ޖެހޭނެކަމަށް ހޯމްމިނިސްޓްރީން ލަފާކުރެއެވެ.

އަތުގުލާލުމުގެ ޙަރަކާތް ކުރިއަށްގެންދިއުމަށް 30ވަނަ ދުވަހުގެ ހަވީރަކީ މާލޭގެ ބޭރުމަގުގައި ވެހިކަލް ނުދުއްވޭ ދުވަހެއްގެ ގޮތުގައިވެސް ސިޓީ ކައުންސިލުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ހަވީރު 04:30 އިން ފެށިގެން ހަވިރު 06:00 އާހަމައަށް ބޭރުމަގު އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާވާނެއެވެ. ނަމަވެސް މިވަގުތުތަކުގައި ސިޓީ ކައުންސިލުން ހުއްދަދީފައިވާ ޚާއްސަ އުޅަނދުތަކަށް ދުއްވޭނެއެވެ. ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30ވަނަ ދުވަހުއެވެ.