ޚަބަރު

ފޮޓޯ ޖެހި އިންޒާރާ ނުލައި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން މަނާ!


ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެ އެތެރެކުރާ، ދުންފަތް ހިމެނޭ ކޮންމެ އުފެއްދުމެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑާއި އެއްގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން ފޮޓޯއާއިއެކު އިންޒާރު ޖަހާފައި ހުންނަންޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިންވަނީ މިދިޔަ ޖެނުއަރީ މަހު، ފޮޓޯ ޖެހި އިންޒާރު ހަރުކުރުމާބެހޭ ޤަވާޢިދެއް ޢާއްމުކުރައްވާފައެވެ. މިއަހަރުގެ މޮވެމްބަރުގެ 30ވަނަ ދުވަހުން ފެށިގެން ފޮޓޯޖެހި ސިއްޙީ އިންޒާރާ ނުލައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. ދުންފަތާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިކަމާގުޅޭ ފޮޓޯޖެހި އިންޒާރު ހިމެނޭހެން ދުންފަތުގެ ބާވަތްތައް ވިއްކުމާގުޅޭ ޤަވާޢިދެއް އެކުލަވާލައި ޢާއްމުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހު 31ވަނަ ދުވަހުއެވެ.
މި ޤަވާޢިދުގެ ދަށުން 31 ޖުލައިގެ ފަހުން ރާއްޖޭގައި އުފައްދާ އަދި ރާއްޖެ އެތެރެކުރާ ދުންފަތުގެ ކޮންމެ ބާވަތެއްވެސް އެތެރެކުރެވޭނީ ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ފޮޓޯ ޖެހި އިންޒާރު ހިމަނައިގެންނެވެ.

31 ޖުލައިގެ ކުރިން ރާއްޖޭގައި އުފައްދާފައިވާ ނުވަތަ، މިތާރީޚުގެ ކުރިން ރާއްޖެ އެތެރެކޮށްފައިވާ ބާވަތްތައް ވިއްކޭނެ އެންމެފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ 29ވަނަ ދުވަހެވެ. އަދި 30 ނޮވެމްބަރުން ފެށިގެން ފޮޓޯ ޖެހި އިންޒާރާ ނުލައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގެ މާކެޓްގައި ވިއްކުމަކީ ޤާނޫނުން މަނާ ކަމެކެވެ.

ޤަވަޢިދާ ޚިލާފު ވެއްޖެނަމަ އެކަން ކުރުމަށް ބޭނުންކުރި މުދަލުގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނައިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރު 5000 ރުފިޔާ، އަދި 3ވަނަ ފަހަރު 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތިން ފަހަރަށްވުރެ އިތުރުނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މިއީ ދުންފަތަކީ ބޮޑެތި ބަލިތަކަށް ހުށައެޅޭ ކަމަކަށް ވުމާއި، އަދި އެކަމުގައި ގިނަބައެއްގެ ފުރާނައަށް ނުރައްކާވާތީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެކެވެ. ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލް ކުރުމާއި ގުޅުންހުރި ބަލިތަކުގައި އަހަރެއްގެ މައްޗައް 178 މީހުން މަރުވެއެވެ.

ދުންފަތާގުޅޭ މިފަދަ ޤަވާޢިދެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ނުރައްކާ އަންގައިދިނުމާއި ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުމުގެ ފުރުސަތު ކުޑަކުރުމާއި، ޚާއްސަކޮށް ޒުވާނުންނަށް މިކަމުގައިހުރި ގެއްލުން އަންގައިދީ މިފަދަ ޢަމަލުތަކުން ދުރުކުރުމެވެ.
ދުންފަތުން މުޖުތަމަޢު ދުރުހެލި ކުރުމަށް އެޗްޕީއޭއިންވަނީ 31 މޭއިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުންވެސް މަނާށްފައެވެ.