ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ޤާނޫނަށް މިހާރު އަމަލު ކުރަމުންދާތީ ވަކީލުންގެ ސުލީކީ މައްސަލަ ހުށައެޅޭނީ ބާ ކައުންސިލަށް ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގ ދައުވާ ލިބޭ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލެއްގެ ސުލީކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައެޅިފައިވަނިކޮށް ބައެއް ވަކީލުން ވިދާޅުވީ ސުލީކީ މައްސަލައެއް މިހާރު ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. އެބޭފުޅުން ޙަވާލާދެއްވަނީ ދާދި ފަހުން ޢަމަލު ކުރަންފެށި ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 7ވަނަ މާއްދާއާ ހަވާލާދީއެވެ.
އެ މާއްދާގައި ބަޔާން ކުރަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކެވެ. އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަ ބަލައި، އެފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައަޅައި އެފިޔަވަޅުތައް އަޅާނީ ބާ ކައުންސިލުން ކަމަށެވެ.
ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ ޖޫން މަހުގެ 27ވަނަ ދުވަހުއެވެ. ޤާނޫނީ ފަންނުގެ ޤާނޫނަކީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ ކަންކަން ރެގިއުލޭޓް ކުރުމާބެހޭ ގާނޫނުއެވެ. މިއީ ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ރާއްޖޭގައި ހެދި ފުރަތަމަ ގާނޫނެވެ. މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މީގެކުރިން ވަކީލުންނާމެދު ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަމުންދިޔަ އެންމެހައި ޤާނޫނުތައް ވަނީ ބާޠިލްވެފައެވެ.
ކުރީގެ ރައީސް ޔާމީން ސޮއިކުރައްވައި އުއްތަމަފަޑިޔާރަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމިންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފެބުރުއަރީމަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ދޮގުހަދާފައިވާކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު އަދި ވަކިގޮތެއް އަދި ނިންމާފައިނުވެއެވެ.