ކުޅިވަރު

15 މެޑަލްގެ އަމާޒު ހާސިލްކުރީ އުއްމީދުކުރި ގޮތަށްވުރެ ފުރިހަމައަށް!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމްގެ އަމާޒަކީ 15 މެޑަލް ހޯދުމޭ ބުނުމުން ބައެއް ދިވެހިންނަށް އެއީ ނުވާނެކަމެކޭ ހީވިއެވެ. މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް ގޭމްސްއަކުން މިވަރުގެ ބޮޑު ކާމިޔާބެއް ލިބިދާނެތޯ ސުވާލު އުދެއްދި މީހުންވެސް މަދެއް ނޫނެވެ. ސާއިދު 2015ގައި ހޯދި ރަން މެޑައްޔާއިއެކު މިފަހަރު އިތުރު އެހެން ކުޅިވަރުތަކުން ރަން މެޑަލް ހޯދިދާނެތޯވެސް ގިނަ ބަޔަކު ސުވާލުއުފެއްދިއެވެ.

މިހާރު މިއޮތީ ނަތީޖާ ފެންނާށެވެ. 2019ގެ ގޭމްސް ނިމުނުއިރު 15 މެޑަލްގެ ޓާގެޓްވެސް ހާސިލްވެއްޖެއެވެ. އުއްމީދުކުރިވަރަށްވުރެ ގިނަ ރަން މެޑަލްވެސް ހޯދައިފިއެވެ. އެއްވެސް ބަޔަކު ހީވެސް ނުކުރާ ކުޅިވަރުތަކުން މަގުބޫލުނޫން އެތްލީޓުންވެސް މެޑަލް ހޯދައިފިއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވަނީ އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނަށެވެ. ވަކިން ޚާއްސަކޮށް އަމާޒުތަކެއް ކަނޑައަޅައި އެ އަމާޒުތަކާއި ހަމައަށް ދެވުނު ޓީމްތަކަށެވެ.

މިފަހަރުގެ ގޭމްސްއަށް އައިއިރު އެންމެ ގިނަ ބަޔެއްގެ އުއްމީދުތަކާއި ގުޅިފައިވާ ކުޅިވަރެއްގެ ގޮތުގައި އޮތީ އެތްލެޓިކްސްއެވެ. އެހެންނަމަވެސް 5 މެޑަލް ހޯދަން ޓާގެޓްކުރި އެސޯސިއޭޝަނަށް ހޯދުނީ 3 މެޑައްޔެވެ. އެއީ ޕެރަ އިވެންޓުގައި ދުވެ މާޒިން ހޯދި މެޑަލްވެސް ލައިގެންނެވެ. އެތައް ދުވަހެއްގެ ތަމްރީންތަކާއި އެތައް އުއްމީދުތަކެއް ހޯދައިދީފައިވާ އެތްލެޓިކްސްއަށް މިިފަހަރުގެ ގޭމްސްއަކީ ކާމިޔާބު ގޭމްސްއެކޭ ބުނެވޭކަށް ނެތެވެ. ސާއިދަށް މިފަހަރު ޖާދޫ ދައްކާލެވޭ ވަރެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ހިއްސާ 2 މެޑަލްގައި އެބައޮތެވެ. 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދިއިރު، 4 ގުނަ 100 މީޓަރު ރިލޭ ޓީމުން ލޯ މެޑަލް ހޯދި ޓީމުގައިވެސް އޭނާ ހިމެނެއެވެ.

މިފަހަރުގެ ގޭމްސްގައި އެންމެ ގިނަ ރަން މެޑަލް ހޯދައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ޓޭބަލް ޓެނިހުންނެވެ. ޓީޓީއިން މިފަހަރު ތިން ރަން މެޑަލް ހޯދިއިރު ދެ ރިހި މެޑަލްވެސް ހޯދިއެވެ. އަންހެން އިވެންޓްތަކުގައި ޓީޓީމުންވަނީ ގޭމްސް ފަހަތަހަކޮށްފައެވެ. އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދިއިރު، ޑަބަލްސް ފައިނަލްގައި ވާދަކުރީ ރާއްޖޭގެ ދެ ކުޅުންތެރިންނެވެ. އަދި އަންހެން ސިންގަލްސް ފައިނަލްގައިވެސް ވާދަކުރީ ރާއްޖޭގެ ދެ ކުޅުންތެރިންކަމަށްވާ ރަފާ ނާޒިމްއާއި ދީމާ އަލީއެވެ. ޓީޓީ ޓީމްގެ ކާމިޔާބީ އެންމެ ބޮޑަށް ޚާއްސަވާ އެއް ސަބަބަކީ މިފަހަރު ޓީޓީގެ ގަދަ ބާރު މޮރީޝަސް ބަލިކޮށް ހުރިހާ ކާމިޔާބެއް ހޯދުމެވެ. މޮރީޝަސްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމުގެ ކުޅުންތެރިން ބަލިކޮށް މި ހޯދި މެޑަލްތަކަކީ ހަމަ ޔަގީނުންވެސް މޮރީޝަސްގެ ޓީމަށް ހަނދާންނައްތާ ނުލެވޭ ވަރުގެ ބޮޑު ނާކާމިޔާބީއަކަށްވާނެއެވެ.

ޓޭބަލް ޓެނިހެކޭ އެއްގޮތަށް ބެޑްމިންޓަނުންވެސް މިފަހަރު ބޮޑު ކުރިއެރުމެއް ހޯދިއެވެ. ހޯދި މެޑަލްތަކުން އެކަން އިނގެއެވެ. މިގޮތުން ބެޑްމިންޓަނުންވަނީ އެ ކުޅިވަރުގެ ތާރީޚުގެ ފުރަތަމަ ރަން މެޑަލް ހޯދާފައެވެ. ނަބީހާ އަބްދުއްރައްޒާގު ސިންގަލްސްއިން ރަން މެޑަލް ހޯދިއިރު، ނަބީހާއާއި ނަބާހާގެ ޕެއަރވަނީ ޑަބަލްސް ރިހި މެޑަލް ހޯދާފައެވެ. އަޖުފާންއާއި މައިސާގެ ޕެއަރ މިކްސް ޑަބަލްސް ލޯ މެޑަލް ހޯދިއިރު، ޓީމް އިވެންޓުގައި ބެޑްމިންޓަން ޓީމުގެ ކޮންމެ ކުޅުންތެރިއެއް ކަރުގައި މެޑަލް އެޅުވިއެވެ. އަންހެން ޓީމް ލޯ މެޑަލް ހޯދިއިރު ފިރިހެން ޓީމުވެސް ލޯ މެޑަލް ހޯދިއެވެ.

ގޭމްސްއަށް އައިއިރު ބީޗްވޮލީގެ ވާހަކަދައްކާ މާގިނަ ބަޔަކުވެސް ނެތެވެ. ބީޗް ވޮލީ ކުޅޭ މީހުންވެސް ރާއްޖޭގައި ނިސްބަތުން މަދެވެ. އެހެންނަމަވެސް ދެ މެޑަލް ހޯދައި ރާއްޖޭގެ މެޑަލް ލިސްޓުގައި ބީޗްވޮލީ ޓީމުން އޮތީ މުހިންމު ހިސާބެއްގައެވެ. ފިރިހެން ޓީމް އިވެންޓުން ފުރަތަމަ ހޯދީވެސް ރިހި މެޑައްޔެކެވެ. އޭގެ ފަހުން އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދާއި، އާދަމް ނަސީމް ލޯ މެޑަލް ހޯދިއެވެ. މިއީ ހަމަ ޔަގީނުންވެސް ކުރިއަށް ހުރި ގޭމްސްތަކާއި ކުރިމަތިލާއިރު ގިނަ ގޮތްގޮތުން އުއްމީދުތަކެއް ކުރެވޭނެ ކުޅިވަރެކެވެ.

މި 15 މެޑައްޔާއިއެކު ރާއްޖޭގެ މެޑަލް އަމާޒު ހާސިލްކުރެވުނީއެވެ. އުއްމީދުކުރި ބައެއް ކުޅިވަރުތަކުން މެޑަލްތަކެއް ގެއްލުނު ކަމުގައިވިޔަސް އެހެން ކުޅިވަރުތަކުން ކުރިއަށް ޖެހި އެތަން ފޫބައްދައިދީފިއެވެ. މިއީ ކުރިއަށް އޮތް 2023ގެ ގޭމްސްއަށް ތައްޔާރުވާއިރު ލިބޭނެ އިތުރު ހިތްވަރެކެވެ. އިތުރު ޔަގީންކަމެކެވެ. މަލްޓިސްޕޯޓްސް ގޭމްސްތަކުން މި ކުޑަކުޑަ ދިވެހިރާއްޖެވެސް ވިދާލާނެކަން މިފަހަރުގެ ގޭމްސްއިން ސާބިތުކޮށްދެވިއްޖެއެވެ.