ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލައި އަލުން އެބޯޑް އެކުލަވާލުމަށް "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް" ކޮމިޓީން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވައިފިއެވެ.
ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕްރަޓައިޒް ކުރުމަށާއި، އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމަށް އުފެދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކުރިމިންވަރު މުރާޖާކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާއި ބެހޭ ކޮމިޓީ "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް"، އެސްއޯއީ ކޮމިޓީން ނިންމިވި ރިޕޯޓްގައިވަނީ މިހާރު އޮތް ޕީސީބީ ބޯޑްގެ މެމްބަރުންގެ ޤާބިލްކަމެއް ނެތްކަމަށާއި، އެބޯޑްއަލުން އެކުލަވާލަން ޖެހޭކަމަށެވެ.
އަދި ކުރީ ސަރުކާރުގައި އެބޯޑަށް 5 މެމްބަރުން އައްޔަންކުރައްވާފައިވީ ނަމަވެސް ޕީސީބީގެ ޤާނޫނުގައި 7 މެމްބަރުން ތިބެންޖެހޭކަމަށް ލާޒިމްކުރާކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މެމްބަރުން ކަޑައަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކުގައިކަމަށް ޤާނޫނުގައި ބުނެފައިވީނަމަވެސް މިހާތަނަށް ތިބި 5 މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ކޯޕްރަޓައިޒްކުރަން ނުވަތަ ޕްރައިވަޓައިޒްކުރަން ފެންނަ ތަންތަނުގެ ލިސްޓު ކަނޑައަޅައި، އެތަންތަން ކޯޕަރަޓައިޒް ކުރުމަށް ނުވަތަ ޕްރައިވަޓައިޒް ކުރުމަށް ދާންޖެހޭ ގޮތް ތަރުތީބު ކުރެވިފައި ނެތްކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ގުޅޭ ގިނަ ކަންތައްތަކަކަށް އަމަލުކޮށްފައި ނުވާކަންވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.
ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއިއެކު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި ބޯޑް މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަންކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށްވެސް ބުނެފައިވެއެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.