ޚަބަރު

ޖޭ.އެސް.ސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ)އަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި 1487 ވަކީލަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫ ސިޓީގައި ބަހައްޓާފައިވާ އެއް ވޯޓު ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މާލޭގައި ބަހައްޓާ ދެ ވޯޓު ފޮށީގެ ތެރެއިން އެއް ވޯޓު ފޮއްޓަށް 688 ވަކީލަކަށް އަދި އަނެއް ފޮއްޓަށް 790 ވަކީލަކަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ. އަދި އައްޑޫ ސިޓީގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލުމުގެ ހައްގު، ނުވަ ވަކީލަކަށް ލިބިފައިވާކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00އާ ހަމައަށެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބުކުރާ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި 6 ވަކީލަކު ވާދަކުރޭ. އެއީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލީ ރަޝީދާއި އަބްދުލްމާނިއު ޙުސައިނާއި ހަނީފާ ޚާލިދުގެ އިތުރުން އަޙްމަދު ރަޝީދު ޙުސައިންއެވެ.

ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަންޖެހެއެވެ. ޤާނޫނީ ފަންނުގެ ޤާނޫނުގެ 68ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށް ވެސް އެޤާނޫނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމް. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ.