މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ޑަބަލްސްގެ ބައިން ސިލްވަރ މެޑަލް ނަބީހާ އާއި ނަބާހާގެ ޕެއަރ ހޯދައިފިއެވެ.
ނަބާހާއާއި ނަބީހާގެ ޕެއަރ ސިލްވަރ މެޑަލް ހޯދީ ފައިނަލްގައި މޮރީޝަސްގެ އެއްވަނަ ޕެއަރ އައުރޭލީ އަލޭ އާއި ކޮބިތާ ދޫކީގެ ޕެއަރ އާއި ވާދަކޮށެވެ. މި މެޗު މޮރިޝަސްގެ ޕެއަރއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
ފުރަތަމަ ސެޓު ރާއްޖޭގެ ޓީމު ބަލިވީ 21-18 އިންނެވެ. މި ސެޓުގައި ލީޑު ހިފަހައްޓައިގެން ގިނައިރު ކުޅުނީ މޮރިޝަސްގެ ޕެއާއިންނެވެ. ނަމަވެސް ދެ ވަނަ ސެޓުގައި ރާއްޖޭގެ ޓީމު 23-21 އިން ބަލިވީ ބޮޑު ލީޑެއްގައި އޮއްވައެވެ. މި ސެޓުގައި މޮރިޝަސްގެ ޓީމުން ފަހަތުން އަރައި އެއްވަރުކޮށް ލީޑު ނެގި ނަމަވެސް ނަބީހާ އާއި ނަބާހާ ވަނީ ހިތްވަރުކޮށް 21-21 އިން ސެޓް އެއްވަރުކޮށްފަ އެވެ.
އޯޕަން ޑަބަލްސްގެ ފައިނަލުން ނަބީހާ އާއި ނަބާހާގެ ޕެއަރ ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީފައިނަލްގެ މެޗުގައި މޮރީޝަސްގެ ޕެއަރ ފަސޭހަކަމާއެކު ސީދާ ސެޓުން ބަލިކޮށްގެންނެވެ.
ގޭމްސްގައި މިއަދު ކުޅުނު ސިންގަލްސް ޗެމްޕިއަންކަން ހޯދީ ނަބީހާ އެވެ. މިއާއެކު ނަބީހާ ވެފައިވަނީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަން އިން ބައިނަލްއަގްވާމީ ރަން މެޑެއްޔެއް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސިންގަލްސް ފައިނަލުގައި ކެމިލީ އަލިސެންއާ ވާދަކޮށް ނަބީހާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނަބީހާ ގެންދިޔައީ 21-14 އަދި 21-10 އިންނެވެ.
15 މެޑަލް އަށް އަމާޒުކޮށް ގޭމްސް އަށް ދިޔަ ރާއްޖޭން މިހާތަނަށް ވަނީ 13 މެޑަލް ކަށަވަރުކޮށްފަ އެވެ. އޭގެތެރޭގައި ތިން ރަން މެޑަލް ހިމެނެ އެވެ. ނަބީހާ މިއަދު ހޯދި ރަން މެޑަލްގެ އިތުރުން އަނެއް ދެ ރަން މެޑަލް ހޯދީ ޓޭބަލް ޓެނިހުންނެވެ. ޓީޓީ ހޯދީ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަން ކަމާއި ޑަބަލްސް ޗެމްޕިއަންކަމެވެ.