ޚަބަރު

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަ މިދިޔަ މަހުވަނީ އިތުރުވެފައި - ޖެންޑަރ މިނިސްޓްރީ


ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް މިދިޔަ މަހު އިތުރުވެފައިވާކަން ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އެކި އަނިޔާއާ ގުޅޭ 125 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫންމަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ އެކިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކެވެ. އެފަދަ 125 މައްސަލައެއް ޖޫންމަހު ހުށަހަޅާފައިވާއިރު އޭގެ ކުރީ މަހު ހުށައަޅާފައިވަނީ 111 މައްސަލައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 41 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެފަދަ 36 މައްސަލަ މިދިޔަ މަހު ރިޕޯޓް ކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިސްމާނީ ހާނިކައާއި ނަފްސާނީ ހާނިކައިގެ މައްސަލަތަކަށް ބަލާއިރު، މިދިޔަމަހު ޖިސްމާނީ ހާނިއްކައިގެ 23 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 18 މައްސަލައެއްވަނީ ހުށައަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލައަކާއި ގެވެށިއަނިޔާކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ 1 މައްސަލަވެސް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ކުޑަކުދިންނަށް ލިބެންޖެހޭ ޙައްގުތަކުން ކުދިން މަޙްރޫމްކުރުމުގެ 8 މައްސަލަ މިދިޔަ މަހުވަނީ އެމިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ. އޭގެތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލައަކާއި ތަޢުލީމަށް ހުރަސްއެޅުމުގެ 2 މައްސަލައިގެ އިތުރުން ވެކްސިން ނުދިނުމުގެ 2 މައްސަލައާއި ސިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީއަށް ހުށައާޅާފައިވާ ޢާއިލީ މައްސަލަތަކަށް ބަލާއިރު، އެފަދަ 18 މައްސަލައެއް ހުށައާޅާފައިވެއެވެ. މީގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލައާއި ކުދިން ބެލުމުގައި އިހުމާލުވުމުގެ 5 މައްސަލައިގެ އިތުރުން ޙަރަދު ދިނުމާ ގުޅޭ 3 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ މިދިޔަ މަހު ހުށައެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކުޑަކުދިން ކުރާ ކުށުގެ ތަފާސްހިސާބުވެސް އާންމުކޮށްފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންކުރާ އެކިބާވަތުގެ ކުށުގެ 3 މައްސަލަ މިދިޔަ މަހު ހުށައަޅާފައިވެއެވެ. މީގެ ތެރޭގައި މާރާމާރީގެ މައްސަލައަކާއި ލައިސެންސްނެތި ދުއްވި މައްސަލައެއްވެސް ހިމެނެއެވެ. އަދި އަޚުލާގީ މައްސަލަތަކަށް ބަލާއިރު، އެފަދަ 19 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލައާއި ސްކޫލަށް ދާން ބޭނުންނުވުމުގެ 5 މައްސަލައެއްވެސް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 36 މައްސަލައެއް މިދިޔަމަހުވަނީ ހުށައަޅާފައެވެ. އޭގެ ކުރީ މަހާއި އަޅާބަލާއިރު މިބާވަތުގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރުވަނީ މަދުވެފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. މިފަދަ 20 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ޖިންސީ ހާނިއްކަކުރުމުގެ 6 މައްސަލައާއި ނަފްސާނީ އަނިޔާ ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 5 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުންވެސް މިދިޔަ މަހުވަނީ ބިރުދެއްކުމުގެ މައްސަލައަކާއި އިހުމާލުވުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއްވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ.

މިމައްސަލަތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ ޖޫން މަހުވަނީ ހުށައަޅާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ 10 މައްސަލަ ހުށައަޅާފައިވާއިރު ޢުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަމާއި އަޅާލުން ބޭނުންވެގެން 7 މައްސަލަވަނީ ހުށައަޅާފައެވެ.

ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ހުށައަޅާފައިވާ މައްސަލަތަކުގެތެރޭގައި ހިމެނޭ އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ މައްސަލަތައްވަނީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން އޭގެ ކުރީމަހު އެފަދަ 2 މައްސަލަ ހުށައަޅާފައިވާއިރު މިދިޔަ މަހުވަނީ މިބާވަތުގެ 15 މައްސަލަ ހުށައަޅާފައެވެ.