ސިޔާސީ

ވަކީލުންގެތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ހޮވާ އިންތިޚާބުގައި 1487 ވަކީލަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވޭ


ބާރ ކައުންސިލް މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި 1487 ވަކީލަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުން ބާއްވާ އެއިންތިޚާބުގައި ވޯޓުލުމަށް ތިން ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި ބަހައްޓާ ދެ ފޮއްޓާއި އައްޑޫ ސިޓީގައި ބަހައްޓާ ދެވޯޓުފޮށިކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މާލޭގައި ބަހައްޓާ އެއް ވޯޓު ފޮއްޓަށް 688 ވަކީލަކު އަދި އަނެއް ފޮއްޓަށް 790 ވަކީލުނަށް ވޯޓު ލުމުގެ ހައްގި ލިބިފައިވެއެވެ. އަދި އައްޑޫ ސިޓީގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލުމުގެ ހައްގު، ނުވަ ވަކީލަކަށް ލިބިފައިވާ ކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ހޮވަން ބާއްވާ އިންތިހާބުގައި 6 ބޭފުޅަކު ވާދަކުރައްވައެވެ. އެ މަޤާމަށް ކުރިމަތިލެއްވީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި ހަނީފާ ޚާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދާއި އަހުމަދު ރަޝީދު ހުސައިނެވެ.

ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަންޖެހެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެޤާނޫނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ.