މުސާރައިގެ ފަރަގުކުޑަކޮށް އަންނަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށާއި، އެވައުދު ފުއްދުމައްޓަކައި ކުރަންޖެހޭ ކަންކަން ނޭޝަނަލް ޕޭ ކޮމިޝަނުން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރުވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މުވައްޒަފުންގެ މުސާރައިގެ ފަރަގުކުޑަކޮށް، ހާމަނައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ އަންނަ އަހަރުން ފެށިގެން ސިވިލްސަރވަންޓުންގެ މުސާރާއިގެ ކަންކަން ސަރުކާރުގެ ވަޢުދާއެއްގޮތަށް ކުރެވިގެންދިއުންކަމަށެވެ.
ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީވެސް ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.
އެންމެ ފަހުން ސިވިލް ސަރވިސް މުވައްޒަފުންނަށް އިނާޔަތްތައް އިތުރުކޮށް، ޚާއްޞަ އެލަވަންސްތަކެއް ދޭން ސަރުކާރުން ފެށީ މިދިޔަ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުންފެށިގެންނެވެ. އެއާއެކު ސިވިލް ސަރވިސް ކޮންމެ މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އެލަވަންސްތަކުގެ އިތުރުން އެންމެ ކުޑަވެގެން 700 ރުފިޔާގެ ޚާއްޞަ އެލަވަންސެއް އޭރު ދޭން ވަނީ ފަށާފައެވެ.
އަދި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ" މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ ޝަތުރުތައް ހަމަވާ މުވައްޒަފުންނަށް މުސާރައިގެ 28 އިންސައްތަ "ޓެކްނިކަލް ކޯ އެލަވަންސް" ގެ ނަމުގައި ދިނުމަށް ދޭންފެށިއިރު ޓެކްނިކަލް ކޯ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ޝަތުރު ހަމަ ނުވާ މުވައްޒަފުންނަށް މަޤާމުގެ ރޭންކަށް ބަލައި 700 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދޭންފެށިއެވެ. އަދި ސިވިލް ސަރވިސް "ސަޕޯޓް ސަރވިސް" ރޭންކް ތަކުގައި ތިބި މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވަންސެއް "ސަޕޯޓިންގ ކޯ އެލަވަންސް 1" ގެ ނަމުގައި ދޭންފެށިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މިހާރު ރާއްޖޭގައި މަސައްކަތްކުރަނީ 24،516 މުވައްޒަފުންނެވެ. މީގެތެރޭގައި ހިމެނެނީ 13،705 އަންހެން މުވައްޒަފުންނާއި 10،811 ފިރިހެން މުވައްޒަފުންނެވެ.