ވިޔަފާރި

ނިސާންއިން 10 ހާސް ވަޒީފާ މަދުކުރަނީ


ކާރު އުފައްދާ ޖަޕާނުގެ ނިސާން ކުންފުނިން 10 ހާހަށްވުރެ ގިނަ ވަޒީފާ މަދުކުރުމަށް ނިންމައިފިއެވެ.

ނިސާން ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެތައް ހާސް ވަޒީފާއެއް މަދުކުރުމަށް ނިންމީ، އެކުންފުނީގެ މާލީ ޚާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށް އެކުންފުނިން ބުނެއެވެ.

އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ނިސާން ކުންފުނިން 10 ހާސް ވަޒީފާ މަދުކުރުމަށް ނިންމާފައިވާއިރު، މިދިޔަ މޭމަހުވެސް އެކުންފުނިން ވަނީ ހަތަރު ހާހަށްވުރެ ގިނަ ވަޒީފާ މަދުކޮށްފައެވެ.

ނިސާންއިން ވަޒީފާތަކެއް މަދުކުރުމަށް ނިންމާފައިވާއިރު، ވަޒީފާތައް މަދުކުރާނީ ވިޔަފާރި ފައިދާ އެންމެ ދަށްކޮށް އުޅޭ ދެކުނު އެމެރިކާފަދަ ސަރަޙައްދުތަކުންކަމަށް ހަބަރުތައް ބުނެއެވެ.

ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ނިސާންއިން މަސައްކަތް ފަށާފައިވަނީ، މިދިޔަ ދިހަ ވަރަކަށް އަހަރުތެރޭގައިވެސް އެކުންފުނީގެ ފައިދާ ދަށަށް ނުދާ މިންވަރަށް ދަށަށް ދިއުމާ ގުޅިގެނެވެ. އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕްގައި އެކުންފުނީގެ ވިޔަފާރިވެސް ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން މިދިޔަ އަހަރު އެކުންފުނިން ވިއްކި ކާރުތަކުގެ އަދަދު 5.52 މިލިއަންގައި އުޅޭއިރު، އެއީ 4.4 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިންވެސް ޔޫރަޕްގައި ވިއްކި ވެހިކަލްތަކުގެ އަދަދު 17.8 އިންސައްތަ މަދުވެފައިވާއިރު، އެމެރިކާގައި ވިއްކި ވެހިކަލްތަކުގެ އަދަދު ވަނީ 9.3 އިންސައްތަ މަދުވެފައެވެ.