ނަބީހާ އާއި ނަބާހާގެ ޕެއަރ އޯޕަން ޑަބަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިރު އަޖްފާން އާއި މައިސާގެ ޕެއަރ މިކްސް ޑަބަލްސްގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ޑަބަލްސްގެ ސެމީފައިނަލުން ނަބީހާ އާއި ނަބާހާގެ ޕެއަރ ޖާގަ ހޯދީ މިއަދު ކުޅުނު ކުއާޓަރ ފައިނަލްގެ މެޗުގައި މަޑަގަސްކަރައިގެ ޕެއަރ ފަސޭހަކަމާއެކު ސީދާ ސެޓުން ބަލިކޮށްގެންނެވެ.
ނަބާހާ އާއި ނަބީހާގެ ޕެއަރގެ އިތުރުން ޑަބަލްސްގައި ދިވެހި ޓީމުން ކުއާޓަރ ފައިނަލުން ޖާގަ ހޯދާ މިއަދުގެ މެޗުތަކުގައި ވާދަކުރީ ނީލާ އާއި މައިސާގެ ޕެއަރ އާއި އަޖްފާން އާއި ޝަމީއުގެ ޕެއަރއެވެ.
އަޖްފާން އާއި ޝަމީއުގެ ޕެއަރ ވަނީ ކުއާޓަރ ފައިނަލްގައި ކުޅުން މެޗުގައި ސީޝެލްސްގެ ޕެއަރ އަތުން ބަލިވެފައެވެ. އެއީ ދެ ސެޓު އެއް ސެޓުންނެވެ.
ނީލާ އާއި މައިސާގެ ޕެއަރ ވެސް ކުއާޓާ ފައިނަލްގައި މިއަދު ކުޅުނު މެޗުން ބަލިވީ ސީޝެލްސްގެ ޕެއަރ އަކާ ވާދަކޮށެވެ. ނީލާ އާއި މައިސާވެސް ބަލިވެފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ.
މިކްސް ޑަބަލްސްގެ ސެމީފައިނަލުން މައިސާ އާއި އަޖްފާންގެ ޕެއަރ ޖާގަހޯދީ މިއަދު ކުޅުނު ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މޮރީޝަސްގެ ޕެއަރގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު އަޖްފާން އާއި މައިސާގެ ޕެއަރ ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ކެޓަގަރީގެ ސެމީފައިނަލް މެޗުތައް ކުޅެވޭނީ މާދަމާއެވެ.