ވިޔަފާރި

އީރާނުން ތެޔޮ ގަތް ޗައިނާގެ ކުންފުންޏަކަށް އެމެރިކާއިން ފިޔަވަޅު އަޅައިފި


އިރާނުން ސާފުނުކުރާ ތެޔޮ ގަތް މައްސަލައެއްގައި ޗައިނާގެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޗައިނާއަށް ސާފު ނުކުރާ ތެޔޮ އެތެރެކުރުމުގެ ލައިސަންސް ސަރުކާރުން ދީފައިވާ ހަތަރު ކުންފުނީގެ ތެރެއިން ޒުހާއީ ޒެންރޮންގ ކުންފުންޏާ ދެކޮޅަށެވެ. އެކުންފުންޏަކީ ޗައިނާއާއި އީރާނާ ދެމެދު ހިނގާ ވިޔަފާރީގެ 60 އިންސައްތަ ހިއްސާ ކުރާ ކުންފުންޏެވެ.

އެމެރިކާ ސަރުކާރުން ބުނީ އެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް އީރާނުން ތެޔޮ ގަތުމާ ގުޅިގެންކަމަށެވެ.

އީރާނުން ތެޔޮ ގަތުމާ ގުޅިގެން ޗައިނާގެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައި މިވަނީ ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބި، އީރާނާ އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ކުންފުންޏާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ޗައިނާ ސަރުކާރުން ބުނީ، އެއީ ބަލައިގަނެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށާއި އެކަން ކުށްވެރިކުރާކަމަށެވެ. އަދި މިއީ އެމެރިކާއިން އަމިއްލައަށް ހަދައިގެން އުޅޭ ޤާނޫނުތަކެއްގެ ދަށުން ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ޖެއްސުންކުރުމުގެ ނިޔަތުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމަށްވެސް ޗައިނާ ސަރުކާރުން ތުހުމަތުކުރެއެވެ.

ޗައިނާގެ ކުންފުންޏާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޤާނޫނު ހިނގާ ސަރަޙައްދުތަކުގައި ބެންކިންގ އާއި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން އެކުންފުންޏަށް މަނާވާނެއެވެ. އަދި އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނީގެ ޗީފް އެގްޒެކްޓިވް އެމެރިކާއަށް ދަތުރުކުރުންވެސް މަނާވާނެއެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ އީރާނާއެކު ވިޔަފާރިކުރުމުގެ ސަބަބުން ޒުހާއީ ޒެންރޮންގ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އޮބާމާ ސަރުކާރުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އެކްސްޕޯޓް ލައިސަންސް އެކުންފުންޏަށް ދިނުމާއި، 10 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނާއި ކްރެޑިތް ފެސިލިޓީ އެކުންފުންޏަށް ދިނުން ވަނީ މަނާކޮށްފައެވެ. އޭރު އެކުންފުނިން ބުނީ އީރާނާއެކު ވިޔަފާރިކޮށްގެން އެމެރިކާއިން އަޅާ ފިޔަވަޅަކުން އެކުންފުންޏަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. ނަމަވެސް މިފަހަރު އެމެރިކާއިން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ޒުހާއީ ޒެންރޮންގ ކުންފުނިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.