ސިޔާސީ

ގަވަރުނަރުގެ މަޤާމުން ނަޞީރު އިސްތިއުފާ ދެއްވައިފި


މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމުން އަޙްމަދު ނަޞީރު އިސްތިއުފާދެއްވައިފިއެވެ.

އޭނާ ގަވަރުނަރުގެ މަޤާމުން އިސްތިއުފާދެއްވާފައިވާކަން ރައީސް އޮފީހުންވެސްވަނީ ޔަޤީންކޮށްދެއްވާފައެވެ. ގަވަރުނަރުގެ މަޤާމުން ނަޞީރު އިސްތިއުފާދެއްވާފައި މިވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިނގި މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ، އެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ހުރަސްއެޅިކަމަށް ބުނާ މައްސަލައެއް މާލިއްޔަތު ކޮމިޓިން އަންނަނީ ބަލަމުންނެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށައެޅީ އެފްއައިޔޫ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފެވެ. ނަޞީރުގެ މައްޗަށް އަޝްރަފް ކުރައްވާފައިވާ ތުހުމަތުތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭސީސީއާއެކު އެމަނިކުފާނު އެސްކްރޯ އެކައުންޓެއް ހުޅުވި މައްސަލަ އެފްއައިޔޫއިން ބަލަން ފަށާ އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުޠުފީ އާއި ހިއްސާކުރެއްވުމުން އެކަމުގައި އެމްއެމްއޭގެ ގަވަރުނަރު ނަޞީރު ހިތްހަމަޖެހިވަޑައިނުގަތް އެކަމަށް ހުރަސްއެޅުއްވިކަމަށެވެ.

އަދި އެމައްސަލަ ފުުލުހުންނަށް ރިޕޯޓްކުރުމުން ވަޒީފާއިން އިސްތިއުފާ ދިނުމަށް ނަސީރު ޕްރެޝަރުކުރިކަމަށް އަޝްރަފުވަނީ ތުހުމަތުކުރައްވާފައެވެ. މީގެއިތުރުން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރާއިސް ޔާމީނާއި ގުޅުން ހުރި މައްސަލައެއް ރިޕޯޓްކުރުމަކީ ހާލަތާއި ނުބައްދަލުކަމެއްކަމަށް ބުނެ އެކަމަށް އެރިޕޯޓް ހުށަހެޅިޔަ ނުދޭން ނުފޫޒު ފޯރުވިކަމަށްވެސް އަޝްރަފު ތުހުމަތުކުރައްވާފައިވެއެވެ.

މިމައްސަލާގައި ނަޞީރުވެސް މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. ނަމަވެސް އެކޮމިޓިން މިމައްސަލާގައި ގޮތެއް ނިންމަވާފައެއްނުވެއެވެ. އެމްއެމްއޭގެ ގަވަރުނަރަކަށް އަހުމަދު ނަސީރު އައްޔަންކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި 2017ވަނަ އަހަރުގެ އޮގަސްޓްމަހުގެ 24ވަނަ ދުވަހުއެވެ.