ޚަބަރު

ޑެންގީ ހުން ޖެހިގެން 9 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެ


ޑެންގީ ހުން ޖެހިގެން 9 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ހދ.ކުޅުދުއްފުށިން ޑެންގީ ހުންޖެހިގެން، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި ފިރިހެން ކުއްޖެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ޑެންގީ ޖެހިގެން ރިޕޯޓް ކުރާ އަދު މަދުވަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން އާއްމުކުރާ "ޑެންގީ އާއި ޗިކުންގުންޔާ ހަފްތާ ރިޕޯޓް"ގައިވާގޮތުން އޭޕްރީލް މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދުވަނީ ދަަށްވެފައެވެ. ވޭތުވެދިޔަ 2 އަހަރަށް ބަލާއިރު ކޮންމެ އަހަރެއްގެވެސް މޭ މަހާއި ޖޫން މަހަކީ ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކުރާ ދުވަސްވަރެވެ. މިއަހަރުގެ ވޭތުވެދިޔަ ހަމަހަށް ބަަލާއިރު އެންމެ ގިނައިން ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އޭޕްރީލް މަހާއި މޭ މަހާއި ޖޫން މަހުގައެވެ.

މިއަހަރުގެ މިހާތަނަށް 3097 މީހުންނަށް ޑެންގީ ހުން ޖެހިގެންވަނީ ރިޕޯޓްކޮށްފައެވެ. މިއީ އެވަރެޖްކޮށް ބަލާނަމަ މަހަކު 442 މީހުންނެވެ.

މި އަހަރު އެންމެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވަނީ އޭޕްރީލް މަހުއެވެ. އެއީ ޑެންގީގެ 554 ކޭހެވެ. އޭޕްރީލް މަހަށްފަހު ޑެންގީި ޖެހޭ މީހުންގެ އަދަދު ކޮންމެ މަހަކުވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން މޭމަހު ޑެންގީގެ 487 ކޭސް ރިޕޯޓް ކޮށްފައިވާއިރު ޖޫން މަހު މި އަދަދުވަނީ 353 އަށް ދަށްވެފައެވެ. އަދި މިމަހުގެ ފުރަތަމަ ތިން ހަފްތާގައި ރިޕޯޓްކޮށްފައިވަނީ 279 ކޭހެވެ.

ވޭތުވެދިޔަ 2 މަހު ޑެންގީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ އަތޮޅާއި ދ އަތޮޅާއި ހުޅުމާލޭގެ އިތުރުން މާލެއިންނެވެ.

ޗިކުންގުންޔާގެ ހާލަތަށް ބަލާއިރު މިދެމަހު ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މޭމަހު 328 ކޭސް ރިޕޯޓްކުރިއިރު ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 96 ކޭހެވެ. އަދި މިމަހުގެ މިހާތަނަށް ޑެންގީ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވަނީ 75މީހުންނެވެ.

ޑެންގީއާއި ޗިކުންގުންޔާއާއި ވައިރަލް ހުމާއި ރޯގާ އިތުރަށް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިތަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ޑެންގީ އާއި ޗިކުން ގުންޔާއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެނދުން އެޅުމާއި، މަދިރި ލޯޝަން ބޭނުން ކުރުމާއި، އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތު މަދިރި ނުވަންނާނެހެން ދޮރުތައް ލައްޕާއި ބެހެއްޓުން ހިމެނެއެވެ. މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އުފެދޭހެން ފެން ހަރުލާފައި ހުންނަން ތަންތަން ނައްތާލުމެވެ.