ވިޔަފާރި

ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ހަޅުތާލުކުރަން ތައްޔާރުވަނީ


އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުންގެ މުސާރަ ބޮޑުކޮށް ނުދިނުމާ ގުޅިގެން ހަޅުތާލުކުރުމަށް އެޕައިލެޓުން ނިންމައިފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުންގެ ޖަމުޢިއްޔާ، ބްރިޓިޝް އެއަރލައިން ޕައިލެޓްސް އެސޯސިއޭޝަން، ބަލްޕާއިން ބުނީ އެޖަމުޢިއްޔާގެ ހިމެނޭ ޕައިލެޓުންގެ ތެރެއިން 93 އިންސައްތަ ޕައިލެޓުން ހަޅުތާލުކުރަން ތަޢީދުކޮށްފައިވާކަމަށެވެ. އަދި ޕައިލެޓުން ހަޅުތާލެއް ކޮށްފިނަމަ ބްރިޓިޝް އެއަރވޭސްއަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބްރިޓިޝް އެއަރވޭސްއިން ބުނީ ޕައިލެޓުން ހަޅުތާލުކުރަން ނިންމި ނިންމުމަކީ ކަންބޮޑުވާ ނިންމުމެއްކަމަށެވެ. އަދި އެކަމުގައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށްވެސް ބްރިޓިޝް އެއަރވޭސްއިން ބުނެއެވެ.

ޕައިލެޓުން ހަޅުތާލުކުރާނެ ދުވަހެއް ކަނޑައަޅާފައި ނުވާއިރު، އަދިވެސް ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރެވިދާނެކަމަށް ޕައިލެޓުންގެ ޔޫނިއަނުން ބުނެއެވެ.

ބްރިޓިޝް އެއަރވޭސްއިން ވަނީ 3 އަހަރު ތެރޭގައި 11.5 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް ޕައިލެޓުން ދޭން ހުށަހަޅާފައެވެ. މިއީ ރަނގަޅު ހުށަހެޅުމެއްކަމަށް ބްރިޓިޝް އެއަރވޭސްއިން ދެކުނަސް، ޕައިލެޓުން ވަނީ މި ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. ޕައިލެޓުން ބުނާގޮތުން ބްރިޓިޝް އެއަރވޭސްއަށް ބޮޑެތި ފައިދާތަކެއްވަމުންދާއިރު، ޕައިލެޓުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅި މިންވަރު ކުޑަކަމަށެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުތަކާއި ޤަވާއިދުތައް އޮންނަ ގޮތުން ޕައިލެޓުން ހަޅުތާލެއް ކުރާނަމަ އެކަމުގެ ނޯޓިސް 2 ހަފްތާކުރިން ދޭންޖެހެއެވެ. އެހެންކަމުން ޕައިލެޓުން ހަޅުތާލެއް އެންމެ އަވަހަށްވެސް ބޭއްވޭނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައެވެ. އަނެއްކޮޅުން ބްރިޓިޝް އެއަރވޭސްއިން ވަނީ ހަޅުތާލާ ދެކޮޅަށް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ.

އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްއަކީ، އެހެން ބައެއް އެއަރލައިންތައްވެސް ހިންގާ އިންޓަނޭޝަނަލް އެއަރލައިންސް ގްރޫޕުން ހިންގާ އެއަރލައިނެކެވެ. މިދިޔަ އަހަރު އެކުންފުންޏަށް 3 ބިލިއަން ޔޫރޯގެ ފައިދާއެއް ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ. އެކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން 1.96 ބިލިއަން ޔޫރޯ ޚިއްސާކުރަނީ ބްރިޓިޝް އެއަރވޭސްއިންނެވެ.