ވިޔަފާރި

ވާވޭއިން އެމެރިކާގައި ހިންގާ ކުންފުންޏަކުން އެތައް ސަތޭކަ ބަޔަކު ވަޒީފާއިން ކަނޑާލަނީ


ޗައިނާގެ ވާވޭ ކުންފުނިން އެމެރިކާގައި ހިންގާ ސަބްސިޑަރީއެއްކަމަށްވާ ފިއުޗަރވޭ ކުންފުނިން އެތައް ސަތޭކަ ވަޒީފާއެއް މަދުކުރުމަށް ނިންމައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ވާވޭއިން ރީސާޗް މަސައްކަތްކުރުމަށް އެމެރިކާގައި ހިންގާ ފިއުޗަރވޭ ކުންފުނިން އެތައް ސަތޭކަ ވަޒީފާއެއް މަދުކުރުމަށް ނިންމީ ވާވޭއާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެނެވެ. އެގޮތުން އެމެރިކާގެ ކުންފުނިތަކުން ވާވޭ ކުންފުންޏާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން މަނާކުރުމުގެ ގޮތުން، އެމެރިކާއިން ވަނީ ވާވޭ ބްލެކް ލިސްޓްކޮށްފައެވެ.

ފިއުޗަރވޭ ކުންފުނިން ވަޒީފާ މަދުކުރުމަށް ނިންމާފައިވާއިރު، 600 އެއްހާ އެމެރިކާ މީހުންގެ ވަޒީފާ ގެއްލޭނެކަމަށް ޙަބަރުތައް ބުނެއެވެ. އަދި މިއީ އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅަން މަޖުބޫރު ފިޔަވަޅުތަކެއްކަމަށްވެސް ވާވޭއިން ބުނެއެވެ.

އެމެރިކާއިން ވާވޭއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ އެކުންފުނިން ޗައިނާ ސަރުކާރަށް ޖާސޫސް ކޮށްދޭކަމުގެ ތުހުމަތުގައެވެ. ނަމަވެސް ވާވޭއިން އަންނަނީ ތަކުރާރުކޮށް އެމެރިކާގެ ތުހުމަތުތައް ދޮގުކުރަމުންނެވެ.