ސިޔާސީ

ޖޭއެސްސީން އިޢާދަކޮށްދިނީ ޤާނޫނު އަސާސީގެ، ގެއްލިފައި އޮތް ސިފައެއް - ރައީސް ނަޝީދު


އުއްތަމަ ފަނޑީޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ދެ ފަނޑިޔާރަކަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަސޭހަތް ދިނުމަށް ނިންމި ނިންމުކީ ޤާނޫނު އަސާސީން ގެއްލިފައިވާ މުހިންމު ސިފައެއް އިޢާދަކޮށްދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ނަސޭހަތްތެރިވުމަށް އިއްޔެ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަށެވެ. މިފަނޑިޔާރުންނަށް ނަސޭހާތްތެރިވާން ޖޭއެސްސީން ނިންމާފައިވަނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާއެއް އެކޮމިޝަނުގެ ކޮމެޓީއަކުން ތަޙްޤީގުކުރުމަށްފަހު، ކޮމިޓީގެ ތަޙުޤީޤު ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ ޖަލްސާއަށް ބަލައިގަތުމަށްފަހުއެވެ.

އެއީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލާގެ ލިޔެލިއުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން ޢަމަލުރިގޮތް ހާމަކޮށްފައެއްނުވެއެވެ.

މި މައްސަލައަށް އިޝާރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ތިން ފުރުޞަތު އަސާސީ ހައްގުތަކުގެ ތެރޭއިން ދީފައިވާކަމަމަށެވެ. އެއީ ދަށުކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓްކަން ފާހަގަކުރައްވާ ރައީސް ނަޝިދު ވިދާޅުވީ، ދަށުކޯޓްގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއްކަމަށެވެ. އެކަން ޖޭއެސްސީން ފާހަގަކުރާކަމަށާއި، ރާއްޖޭގެ ފަނޑިޔާރުންނަކީ އެއްވެސް ފަރާތަކަށް އެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒް ފޯރުވާ ބަޔަކަށް ވެގެންނުވާނެކަމަށެވެ. އެހެންކަމުން ޖޭއެސްސީން އިއްޔެ އިޔާދަކޮށްދިނީ ޤާނޫނު އަސާސީގައި ގެއްލިފައިވާ މުހިންމު އުސޫލެއްކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއް ފަނޑިޔާރަކު ކަމެއް ނިންމަވަމުން ގެންދަވަނިކޮށް އެކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވެދެވަޑައިއެއް ނުގަނެވޭނެ. އެހެންކަމުން ޖޭއެސްސީން މިދެންނެވި ހަމަ އަލުން އަނބުރާ އިޢާދަކުރުމަށް ނިންމައި ސުޕްރީމް ކޯޓްގެ ފަނޑީޔާރުންނަށް ނަސޭހަތްތެރިވުމަށް އެ ކޮމިޝަނުން ނިންމައި އެކޮމިޝަނުން ވަނީ އެކަމުގެ ރިޕޯޓް ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ފޮނުވާފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީއަކީ ރައްޔިތުންގެ މަޖިލިސް އެންމެ ބޮޑަށް ތަމްސީލްކުރާ އެއްތަންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އޮތީ ގާތްގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ ދަށުގައިކަމަށެވެ. އެއީ ޖޭއެސްސީގައި ތިއްބަވާ 10 މެންބަރުންގެ ތެރެއިން 2 މެންބަރުންނަކީ މަޖިލީހުގެ މެންބަރުންނަށް ވުންކަމަށް ވިދާޅުވިއެވެ. އެއީ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިނެވެ.

ޤާނޫނު އަސާސީ ފާސްކުރިއިރު ޤާނޫނު އަސާސީގައި އޮންނަން ބޭނުންވި ސިފަ ގެއްލިގެންދާދިއުމަށް ޖޭއެސްސީން ކަންބޮޑުވާކަމަށާއި، ޤާނޫނު އަސާސީގެ އެންމެހާ އުސޫލްތައް އަލުން އަނބުރާ އިޔާދަކުރުމަށް ކުރާ މަސައްކަތް ޖޭއެސްސީން ކުރަމުން އަންނަކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.