ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް މަސައްކަތް ކުރަންޖެހޭ - ނާއިބު ރައީސް


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި މިހާރު ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައް ނާއިބް ރައީސާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާ މިދަނޑިވަޅުގައި ހުރިހާ އެންމެން ގުޅިގެން އާ ހިތްވަރަކާއެކު މިމަސައްކަތް ކުރިޔަށްގެންދެވުމަށް އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.