ވިޔަފާރި

ޗައިނާ ސަދަން އެއަރލައިނަށް އިތުރު 4.36 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ، ޗައިނާ ސަދަން އެއަރލައިންސްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު 4.36 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

ޗައިނާ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް އެއަރލައިންގެ އިތުރުން، ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު އެއް އެއަރލައިންގެ ތަރައްޤީއަށް އިންވެސްޓްކުރާ 4.36 ބިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން ޔުއާން އިންވެސްޓްކުރާނީ އެ އެއަރލައިންގެ މައިގަނޑު 3 ޚިއްސާދާރުންނެވެ. އެގޮތުން ކޮންމެ ޚިއްސާދާރެއްގެ ފަރާތުން 10 ބިލިއަން ޔުއާން އިންވެސްޓްކުރާނެއެވެ.

ޗައިނާ ސަދަން އެއަރލައިންއަށް އިތުރަށް އިންވެސްޓްކުރާ ފައިސާއިން، ކުންފުނީގެ ދަރަނިކުޑަކޮށް، ކުންފުނި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ޚަރަދުތައްކޮށް އަދި އެއަރލައިންއަށް ޒަމާނީ ތަރައްޤީ ގެނައުމަށްވެސް މިފައިސާގެ ބޭނުން ކުރާނެކަމަށް އެ އެއަރލައިންއިން ބުނެއެވެ.

ޗައިނާ ސަދަން އެއަރލައިންއަކީ ޗައިނާ ސަރުކާރުން ކޮންޓްރޯލްކުރާ 96 ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ. މދިިޔަ އަހަރު ތެލުގެ އަގު ބޮޑުވުމުގެ ސަބަބުންނާއި ޗައިނާގެ ފައިސާގެ އަގު ދަށްވުމާ ގުޅިގެން، ޗައިނާ ސަދަން އެއަރލައިންނަށް ވަނީ ފަންސާސް އިންސައްތައިގެ ގެއްލުމެއް ކުރިމަތިވެފައެވެ.