އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްއިން މިސްރުގެ ކެއިރޯއަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ. 
ބްރިޓިޝް އެއަރވޭސްއިން ބުނީ ކެއިރޯއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށްކަމަށެވެ. އަދި މިއީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށްވެސް ބްރިޓިޝް އެއަރވޭސްއިން ބުނެއެވެ. 
ބްރިޓިޝް އެއަރވޭސްގެ އިތުރުން، ޖަރުމަންވިލާތުގެ ލުފްތަންސާއިންވެސް ވަނީ ސަލާމަތީ ސަބަބުތަކަކާހުރެ ކަމަށްބުނެ ކެއިރޯއަށްކުރާ ދަތުރުތައް ހުއްޓާލާފައެވެ. ނަމަވެސް ލުފްތަންސާއިން ވަނީ ފަހުން ދަތުރުތައް ފަށާފައެވެ. 
ބްރިޓިޝް އެއަރވޭސްއިން ބުނީ އަލުން ދަތުރުތައް ފަށަނީ ރައްކާތެރިކަން ކަށަވަރުވީމަކަމަށެވެ.
މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ މިކަމާ ގުޅޭގޮތުން ބްރިޓިޝް އެއަރވޭސްގެ އޮފިޝަލުންނާއި އިނގިރޭސިވިލާތުގެ އެމްބަސީގެ އޮފިޝަލުންނާ މަޝްވަރާކުރަމުންދާކަމަށެވެ. އަދި ދިމާވެދާނެ ދައްޗެއް ހައްލުކުރުމަށް މިސްރުގެ އިޖިޕްޓް އެއަރއިން ލަންޑަނަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާކަމަށްވެސް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެއެވެ.  
 
މިސްރަށް ދަތުރުކުރާ އިނގިރޭސި ރައްޔިތުންނަށް އެޤައުމުން ވަނީ ޓްރެވަލް އެޑްވައިސަރީއެއްވެސް ނެރެފައެވެ. އޭގައިވާ ގޮތުން ވައިގެ ދަތުރުތަކަށް އޮތް ޓެރަރިޒަމް ބިރުބޮޑުކަމަށާއި އެހެންކަމުން ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައިވެއެވެ. 
އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މިސްރަށް ދަތުރުކުރާއިރު، މިދިޔަ އަހަރުވެސް ހަތަރު ލައްކަ ފަނަރަ ހާސް އިނގިރޭސި ރައްޔިތުން މިސްރަށް ދަތުރުކުރިއެވެ. މީގެ ކުރިންވެސް މިސްރުގައި ދިން ޓެރަރިސްޓް ޙަމަލާތަކަކާ ގުޅިގެން ބްރިޓިޝް އެއަރވޭސްއިން ވަނީ މިސްރަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ.