ޚަބަރު

ޖޭއެސްސީގެ މެންބަރުކަމަށް ވަކީލަކު އައްޔަންކުރަންބާއްވާ އިންތިޚާބުގެ ކަންކަން ދަނީ ޝެޑިއުލްއާ އެއްގޮތަށް - އީސީ


ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް އެދި ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ބާ ކައުންސިލާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ ހަވީރު ފަހެއްޖެހުމާއި ހަމައަށް ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާތަނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ކަންކަން ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަމަށާއި، އެއިންތިޚާބުގެ ވޯޓާސް ލިސްޓް އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތާއި، ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ.

ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަންޖެހެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ.