ސިޔާސީ

މެޖިސްޓްރޭޓު ޝުކޫރާއި ވެސް ޖޭއެސްސީން ސުވާލުކޮށް ބަޔާން ނަގައިފި


ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އޭނައާ ސުވާލުކޮށް ބަޔާން ނަގައިފިއެވެ.

ޝުކޫރުއާ ސުވާލުކޮށް ބަޔާން ނަގާފައި ވަނީ ދާދިފަހުން ގއ. އަތޮޅަށް ދަތުރުކުރި ޖޭއެސްސީގެ ތަހުގީގު ޓީމުންނެވެ. މެޖިސްޓްރޭޓު ޝުކޫރާއި ގުޅޭގޮތުން ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ކެމްޕެއިންކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުން ވަނީ މި ދަތުރުގައި ގއ. އަތޮޅުގެ ގިނަ މެޖިސްޓްރޭޓުންނާއި ގުޅޭ މައްސަލަތަކުގެ ބަޔާން ނަގާފައެވެ. އެގޮތުން ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓާއި އެ އަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

މި މައްސަލަތަކުގެ އިތުރުން ގއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ މި ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޝަނުގެ ނާއިބު ރައީސް، މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އާއި ހިސާން ހުސައިން އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އަދި ފަނޑިޔާރު މުހައްމަދު އީސާ ފުޅެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގއ. އަތޮޅަށް ދަތުރުކުރި ޖޭއެސްސީގެ ޓީމް މިހާރު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.