މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ރާއްޖޭގެ ޤައުމީ ބިޑްމިންޓަން ޓީމް ކުޅުނު ފުރަތަމަ މެޗުތަކުން އަންހެނުންގެ ޓީމާއި ފިރިހެނުންގެ ޓީމުވެސް ބަލިވެއްޖެއެވެ.
ބެޑްމިންޓަންގެ ޓީމް އިވެންޓުގައި މިއަދު މެންދުރު ކުރިން ދިވެހި ޓީމް ބައްދަލުކުރީ ރިޔޫނިންއާއެވެ. ޓީމް އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމް ކުޅުނު ސިންގަލްސް ތިން މެޗުންނާއި ޑަބަލްސް ދެމެޗުންވެސް ވަނީ ބަލިވެފައެވެ.
މިގޮތުން ސިންގަލްސް ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން ނުކުތީ އަޖްފާނެވެ. މިމެޗުގައި ދެގޭމުން ރާއްޖެ ބަލިވިއިރު ފުރަތަމަ ގޭމް ދިޔައީ 18 – 21އިންނެވެ. ދެވަނަ ގޭމް ދިޔައީ 07 – 21އިންނެވެ.
ދެވަނަ މެޗުގައި ނިބާލް ނިކުތީ ރިޔޫނިއަންގެ ދެވަނަ ކުޅުންތެރިއާ އާއި ދެކޮޅަށެވެ. ނިބާލްވެސް ވަނީ ދެގޭމުން ބަލިވެފައެވެ. އެއީ 17 – 21 އަދި 11 – 21އިންނެވެ.
ތިން ވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަޝީއުއެވެ. ނަޝީއުގެ ފުރަތަމަ ގޭމް ދިޔައީ 13 – 21 އަދި ދެވަނަ ގޭމް ދިޔައީ 09 – 21އިންނެވެ.
ޑަބަލްސް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ނަޝީއު އާއި ނަޝްފާންގެ ޕެއަރ ރިޔޫނިއަންގެ ފުރަތަމަ ޕެއަރ އާއި ބައްދަކުރި ފުރަތަމަ ގޭމް ދިޔައީ ވަރަށްވެސް ފަސޭހައިންނެވެ. އެއީ 09 – 21 އިންނެވެ. ދެވަނަ ގޭމްގައި ދިވެހި ޕެއަރވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ގޭމްވެސް ދިވެހި ޓީމަށް ގެއްލުނީ 19 – 21އިންނެވެ. ޑަބަލްސްގެ ދެވަނަ މެޗަށް ދިވެހި ޓީމުން ނިކުތީ އަޖްފާން އާއި ޝާމިއުއެވެ. މިމެޗު ދިވެހި ޓީމުއަތުން ގެއްލުނީ ދެ ގޭމް އެއް ގޭމުންނެވެ. އެއީ 21 - 12، 22 - 24 އަދި 21 - 15އިންނެވެ.
ރިޔޫނިއަން އާއި ދިވެހިރާއްޖެ ބައްދަލުކުރި 10 މެޗުގެ ތެރެއިން ދިވެހި ޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. އެއީ އަންހެން ސިންގަލްސްގައި ނަބީހާ ކުޅުނު މެޗު އެކަންޏެވެ. ނަބީހާ ކުޅެން ނުކުތީ އަންހެން ސިންގަލްސްގެ ތިންވަނަ މެޗުގައެވެ. މިމެޗު ނަބީހާ ކާމިޔާބުކުރީ 21 – 15، 21 – 12އިންނެވެ.
އަންހެން ސިންގަލްސްގެ ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން އެރީ ނަބާހާއެވެ. މިމެޗު ނަބާހާ ބަލިވީ 21 – 16، 21 – 14އިންނެވެ. ސިންގަލްސް ދެވަނަ މެޗުގައި ނީލާ ކުޅެން އެރިއިރު ނީލާވެސް ވަނީ ރިޔޫނިއަން ކުޅުންތެރިއާ އަތުން ސީދާ ދެ ގޭމުން ބަލިވެފައެވެ. އެއީ 21 – 17، 21 – 13އިންނެވެ.
އަންހެން ޑަބަލްސްގެ ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބީހާ އާއި ނީލާގެ ޕެއަރއެވެ. ނަބީހާ އާއި ނީލާ ވަނީ މިމެޗުގައި ރިޔޫނިއަންގެ އެއްވަނަ ޕެއަރއަށް ވަރުގަދަ ފައިޓެއް ދީފައެވެ. މިމެޗުގެ ފުރަތަމަ ގޭމް ދިވެހި ޓީމަށް ގެއްލުނީ 22 – 20އެވެ. ދެވަނަ ގޭމް ފަސޭހަ ކަމާއެކު 15 – 21 ނީލާ އާއި ނަބީހާގެ ޕެއަރ ކާމިޔާބުކުރި ނަމަވެސް މެޗު ޑިސައިޑިންގ ގޭމް ދިވެހި ޓީމް އަތުން ގެއްލުނީ 21 – 17އެވެ.
ޑަބަލްސް ދެވަނަ މެޗުގައި ދިވެހި ޓީމުން ކުޅުން ނިކުތީ ނަބާހާ އާއި މައިސާގެ ޕެއަރއެވެ. މިމެޗުގެ ފުރަތަމަ ގޭމް ރިޔޫނިންނަ 21 – 19 ކާމިޔާބުކުރި އިރު ދެވަނަ ގޭމް 15 – 21 ކާމިޔާބުކުރީ ނަބާހާ އާއި މައިސާގެ ޕެއަރއެވެ. އަދި މެޗު ޑިސައިޑިންގ ގޭމް 21 – 15 ކާމިޔާބުކުރީ ރިޔޫނިއަންއެވެ. ޓީމް އިވެންޓުގައި މިއަދު މެނދުރު ފަހު ދިވެހި ޓީމް ނިކުންނާނީ މުބާރާތް ބާއްވާ މައުރީޝަސް އާއި ދެކޮޅަށެވެ.