ކުޅިވަރު

އައިއޯއައިޖީ: ސްވިމިންގެ ރިލޭ އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމަށް 5ވަނަ


10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެން 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުން ދިވެހިރާއްޖޭގެ ފިރިހެން ޓީމް ފަސްވަނަ ހޯދައިފިއެވެ.

ސްވިމިންގެ އިވެންޓްތައް ހުކުރުދުވަހު ފެށިއިރު، ފިރިހެން ރިލޭގެ ފައިނަލްގައި ވާދަކޮށް ދިވެހި ފިރިހެން ޓީމަށް ލިބުނީ ފަސްވަނައެވެ. 6 ޤައުމު ވާދަކުރި ރިލޭގެ އެއްވަނަ ހޯދީ ރިޔޫނިއަންއެވެ. ދެވަނަ ހޯދީ މޮރީޝަސްއެވެ. އަދި ތިންވަނަ ހޯދީ ސީޝެލްސްއެވެ. މި އިވެންޓުން ފުލަށްދިޔައީ ކޮމޮރޯސްއެވެ.

ސްވިމިންގ އެހެނިހެން އިވެންޓްތަކަށް ބަލާއިރު، 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް ރާއްްޖޭގެ ހަމްނާ އަހުމަދު ދިޔައީ ފުލަށެވެ. ހަމްނާ ރޭސް ނިންމީ 43.97 އިންނެވެ. ފިރިހެން ހީޓު އެކެއްގައި ރާއްޖޭގެ މުހައްމަދު ޖޫދު ވާދަކޮށް ރޭސް ނިންމީ ފަސްވަނަށެވެ. ޖޫދް ރޭސް ނިންމީ 40.87 އިންނެވެ. ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ހީޓް ދޭއްގައި ރާއްޖޭގެ ހުސައިން ނާއީ ހަސަން ދިޔައީ ހީޓުގެ ފަސްވަނައަށެވެ. އޭނާ ރޭސް ނިންމީ 35.51 އިންނެވެ.

50 މީޓަރ ފްރީ ސްޓައިލް އިވެންޓަށް ބަލާއިރު، އަންހެނުންގެ ހީޓް ދޭއްގައި ރާއްޖޭގެ ދެ ފެތުންތެރިން ވާދަކުރިއެވެ. 33.02 އިން ހަމްނާ އަޙުމަދު ހީޓުގެ ފަސްވަނައަށް ރޭސް ނިންމިއިރު، 33.92 އިން ރޭސް ނިންމި އައިޝަތު އުލްޔާ ޝާއިގު ދިޔައީ ރޭހުގެ ފުލަށެވެ.

ފިރިހެނުންގެ 50 މީޓަރުފްރީ ސްޓައިލް އިވެންޓުގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އާން ހުސެއިނަށް ރޭސް ނިންމުނީ ފަސްވަނަ އެވެ. އޭނާ ރޭސް ނިންމީ 29.37 އިންނެވެ.

ސްވިމިންގ އިވެންޓްތައް މިއަދާއި މާދަމާވެސް ކުރިއަށްދާނެއެވެ.