ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗަށް ޤައުމީޓީމު ނިކުންނާނީ މޮޅުވާން ކަމަށް ޤައުމީ ޓީމުގެ ކޯޗް އިބްރާހީމް ހަލީމް (ޖަޑާ) ބުނެފިއެވެ.
މެޗުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޖަޑާ ބުނީ ޓީމުގެ ޕްރެކްޓިސްއަށް ބަލައި ޓީމް މިއަދު މެޗަށް ތތައްޔާރަށް އޮތްކަމަށެވެ. އެގޮތުން ބޫޓާނާއި ދެކޮޅަށް ނިކުންނައިރު ޓީމުގައި އިންޖަރީއެއް ނެތި އަދި ޕްރެކްޓިސް ވެސް ރަނގަޅަށް ދިއުމުން މެޗަށް މާދަމާ ނިކުންނާނީ މޮޅުވާން ކަމަށާއި މިދެޓީމުގައި މާބޮޑު ތަފާތެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.
"އިރާދަ ކުރެއްވީއްޔާ މިއަދު ޕްރެކްޓިސްވެސް ރަނގަޅަށް ދިޔައީ، އިންޖަރީއެއްވެސް ނެތް. މިހާރު މާބޮޑު ޑިފަރެންސެއް ނާންނާނެ. ބޫޓާން ޓީމަށް ބަލާއިއިރު އެކުދިން އަބަދުވެސް މިތިބެނީ އެންމެން އެކީ އެއްތާކު. ރާއްޖޭގައި މިވާ ގޮތަކީ ޕްރެކްޓިސް އަށް މިދިމާވަނީ އެންމެން އެއްކޮށް. އެތަފާތު އައިސްދާނެ. ދެން އަނެއް ކަމަކީ ބޫޓާންގަ އެތިބީ ނެޗުރަލީ ވެސް ފާސްޓް ކުޅުންތެރިން. އެހެންނަމަވެސް ހުރިހާ ކަމަކަށް ބަލާފަ ﷲ އިރާދަ ކުރެއްވިއްޔާ ބޫޓާން އާއި ދެކޮޅަށް ނިކުންނަނީ މޮޅުވާން" ޖަޑާ ބުންޏެވެ.
ބޫޓާން ޓީމަކީ ފިނި ސަރަހައްދުގައި ކުޅޭ ޓީމެއް ކަމުން އެޓީމަށް ކުޑަ އެޑްވާންޓޭޖެއް އޮވެދާނެކަމަށް ޖަޑާ ފާހަގަ ކުރެއެވެ. ނަމަވެސް ޓީމު ހުރިހާ ކަމަކަށްވެސް ބަލައި މެޗަށް ތައްޔާރުކަމަށް ޓީމުންވަނީ ބުނެފައެވެ. ޓީމާބެހޭ ގޮތުން ކެޕްޓަން މުޙައްމަދު ހަނާނު އާދަމުވެސްބުނީ މުބާރާތުގެ އެހެން ޓީމުތަކާއި އަޅާ ބަލާއިރު ބޫޓާންއާ ދެކޮޅަށް ނުކުންނަކީ މޮޅުވާންކަމަށެވެ.
ބުޓާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އެޓީމަކީ ސާފު މުބާރާތުގައިވެސް ރާއްޖެއާއެކު ކުޅޭނެ ޓީމެކެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް މިމަހުގެ 29ވަނަ ދުވަހު ފައިނަލުގައި ކުޅޭނެއެވެ.