ވިޔަފާރި

މޯލްޑިވްސް ފިޓްނަސް އެކްސްޕޯ މާދަމާ ފަށަނީ


ފިޓްނަސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް ފިޓްނަސް އެކްސްޕޯ މާދަމާ ފަށާނެއެވެ.

ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އިންސައިޓް ކޮންސަލްޓަންސީ ސަރވިސް، އައި.ސީ.އެސްއިން އިންތިޒާމްކުރާ "މޯލްޑިވްސް ފިޓްނަސް އެކްސްޕޯ" ކުރިއަށްދާނީ މާދަމާއިން ފެށިގެން އާދީއްތަދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައެވެ.

މޯލްޑިވްސް ފިޓްނަސް އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްތަނަކުން ޢާއްމުންނަށް ފޯރުކޮށްދިނުންކަމަށް އައިސީއެސްއިން ބުނެއެވެ. އަދި ޢާއްމުންގެ މެދުގައި ފިޓްނަސް ދާއިރާއަށް ހޭލުންތެރިކުރުވުމަކީވެސް މިއެކްސްޕޯ ބާއްވާ މަޤްޞަދެއްކަމަށް އައިސީއެސްއިން ބުނެއެވެ.

މޯލްޑިވްސް ފިޓްނަސް އެކްސްޕޯގެ ތެރެއިން ފިޓްނަސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ފިޓްނަސް ކޯޗުންނާއި، ނިއުޓްރިޝަން ސަޕްލައިކޮށްދޭ ފަރާތްތައްވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން ސިއްހަތަށް ފައިދާހުރި ކާނާ ވިއްކާ ރެސްޓޯރަންޓްތަކާއި އަމިއްލަ ފަރާތްތަކުންވެސް މިއެކްސްޕޯގައި ބައިވެރިވާނެކަމަށް އައިސީއެސްއިން ބުނެއެވެ.

ހުކުރު ދުވަހުން ފެށިގެން އާދީއްތަދުވަހަށް ފިޓްނަސް އެކްސްޕޯ ކުރިއަށްދާއިރު، ކޮންމެ ދުވަހަކު މެންދުރުފަހު އަދި ރޭގަނޑުވެސް އެކްސްޕޯއަށް ޒިޔާރަތްކުރެއްވޭނެކަމަށް ފިޓްނަސް އެކްސްޕޯ އިންތިޒާމްކުރާ އައިސީއެސްއިން ބުނެއެވެ.