ޚަބަރު

އެބޯލާގެ ކަންކަން ބަލައި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިން - އެޗްޕީއޭ


ކޮންގޯގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާގެ ކަންކަން ބަލަމުން އަންނަ ކަމަށާއިި ރާއްޖެއިން އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައިވަނީ ކޮންގޯގައި ފެތުރެމުންދާ އެބޯލާ ވައިރަސް ބަލީގެ މައްސަލަ އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން އިންޓަނޭޝަނަލް ޕަކްލިކް ހެލްތް އެމަޖެންސީ އިއުލާންކޮށްފައިވާތީ، އެކަމަށް އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭނަށް އަމަލު ކުރަން ފަށާފައިވާ ކަަމަށެވެ.

ވޯރލްޑް ހެލްތް އޮގަނައިޒޭޝަން ވަނީ ކޮންގޯގައި އެބޯލާ ފެތުރެމުންދާތީވެ އިންޓަނޭޝަނަލް ޕަކްލިކް ހެލްތް އެމަޖެންސީ އިއުލާންކޮށްފަ އެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނާ ގޮތުން އެބޯލާ ދުނިޔެއަށް ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެބޯލާ މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ކޮންގޯގައެވެ. އެގައުމުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެބޯލާ ޖެހިގެން މިހާތަނަށް 1600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.