ޚަބަރު

މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ޕްރޮގްރާމްގައި 3000 އަށްވުރެ ގިނަ ކުދިން ބައިވެރިވެއްޖެ


ރާއްޖޭގެ މިސްކިތްތަކުގައި ކުރިއަށްގެންދާ ޤުރުއާން ކިޔަވައިދިމުމުގެ ޕްރޮގްރާމުގައި ތިން ހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ 100 ދުހުގެ ތެރެގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ 11 އަތޮޅެއްގެ 17 މިސްކިތެއްގައި ޤުރުއާން ކިޔަވައިދިނުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވާއިރު އޭރު އެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 268 ކުދިންނެވެ. ކީރިތި ޤުރުއާނަށާއި މިސްކިތްތަކަށް، ކުޑަކުދިންގެ ހިތުގައި އޮންނަ ލޯބި އިތުރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢު ކުރިއަށްއޮތްތާގައި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގައި މިހާތަނަށް 17 އަތޮޅަކުން 61 ރަށަކުން 3243 ދަރިރިވަރުން ބައިވެރިވެފައިވާކަމަށެވެ.

އަދި މިހާތަނަށް 67 މިސްކިތެއްގައި މި ޕްރޮގްރާމް ދަނީ ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން 1646 ދަރިވަރުން އަކުރު ދަސްކޯށްދޭ ކްލާހުގައި ބައިވެރިވެފައިވާކަމަށާއި ހިފްޒް ކްލާހުގައު 638 އަދި ޚަތިމް ކްލާހުގައި 959 ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ މިސްކިތްތަކުގައި ކުރިއަށްގެންދާ ޤުރުއާން ކިޔަވައިދިމުމުގެ ޕްރޮގްރާމުގައި 6 ރަށެއްގައި ނުފެށޭނެކަމަށް ބެނެފައިވާކަމަށާއި 2 އަތޮޅަކުން ބައިވެރިވެފައި ނުވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަކުރު ދަސްކުރުމާއި، ހިތުން ކިޔެވުމާއި، ބަލައިގެން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެވެ. މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.