ވިޔަފާރި

ސަޢުދީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފި


ސަޢުދީ އަރަބިއްޔާގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސަޢުދީ އަރަބިއްޔާގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައި މިވަނީ، އެޤައުމުން ތެލަށް ބަރޯސާ މިންވަރު ކުޑަކޮށް، އެހެނިހެން ގޮތްގޮތުން ދައުލަތަށް އާމްދަނީ ހޯދުމަށްކުރާ މަސައްކަތުގެ ދަށުންކަމަށް ސަޢުދީ އަރަބިއްޔާއިން ބުނެއެވެ.

ސަޢުދީ ސަރުކާރުން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭނީ އެކަމަށް ކަނޑައަޅާ ފީއެއް ދައްކާ ފަރާތްތަކަށްކަމަށެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ފަރާތްތަކާއި ކުރެވޭނެ ވިޔަފާރިތައް ކަނޑައަޅަނީ ސައުދީގެ މިނިސްޓަރ އޮފް މުނިސިޕަލް އެންޑް ވިލެޖް އެފެއާޒްއިން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށްވެސް ސަޢުދީ ސަރުކާރުން ބުނެއެވެ. ނަމަވެސް ސަޢުދީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

ސަޢުދީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް މަރުޚަބާ ކިޔައި، ތަޢުރީފްކުރަމުންނެވެ. ތަޖުރިބާކާރުން ބުނާގޮތުން 24 ގަޑިއިރު ވިޔަފާރީކުރުމުގެ ހުއްދަ ދިނުމުން ސާޅީސް ފަސް ހާސް ވަޒީފާ އުފެދިގެންދާނެއެވެ. އަދި މިނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް 14 އިންސައްތައާއި 16 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ސަޢުދީ އަރަބިއްޔާއިން ތެލަށް ބަރޯސާވާ މިންވަރުކޮށް، އާމްދަނީ ހޯދާނެ އިތުރު ގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާއިން އިތުރު އިންވެސްޓްމަންޓްތަކަށް އެޤައުމުން ދަނީ ޖާގަ ދެމުންނެވެ.